ރަންދީރް ކަޕޫރު އައިސީޔޫގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއްޔެ އިޢުލާނުކުރި ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ރަންދީރް ކަޕޫރަށް ފަރުވާ ދިނުމަށް އައިސީޔޫއަށް ބަދަލުކޮށްފިއެވެ.

އިންޑިއާ ސިނަމާ ދުށް އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ ރާޖް ކަޕޫރުގެ ދޮށީ ދަރިފުޅު، އަދި މިހާރު ދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި ފިރިހެން ދަރިފުޅު ކޮކީލާބެން އަމްބާނީ ހޮސްޕިޓަލްގައި އިއްޔެ އެޑްމިޓު ކޮށްފައިވާއިރު، އައިސީޔޫއަށް ބަދަލުކުރިކަން ހާމަކޮށްފައިވަނީ މިއަދެވެ. ‘ޓައިމްސް އޮފް އިންޑިއާ’ އަށް މަޢުލޫމާތުދެމުން ރަންދީރް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

“މިތާނގެ ޑޮކްޓަރުން އަހަންނަށް ވަރަށް ރަނގަޅު، ވަރަށް އަޅާލާ. ފަރުވާގެ ކަންކަން ވަރަށް ރަނގަޅަށް ދަނީ”، ރަންދީރް ބުންޏެވެ.

އޭނާ އެންމެފުރަތަމަ ކޮވިޑަށް ޓެސްޓުކުރީ، ހީކަރުވާތީ ކަމަށް ބުންޏެވެ.

ރަންދީރް ކަޕޫރަކީ، މަޝްހޫރު ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރުގެ ބައްޕައެވެ. ރަންދީރްގެ ކޮއްކޮ ރިޝީ ކަޕޫރު މި ދުނިޔެ ދޫކުރިތާ މިއަދަށް ވަނީ އެއް އަހަރު ފުރިފައެވެ. އޭގެފަހުން މި އަހަރު ކުރީކޮޅު، އެންމެ ހަގަށް ހުރި ކޮއްކޮ ރާޖީވް ކަޕޫރުވެސް ވަނީ މަރުވެފައެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތީ ބިރުވެރި ދަރަޖައަކަށް ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!