ރެސިޕީ: ޕައިންއެޕަލް އަޕްސައިޑް ޑައުން

ޕައިންއެޕަލް އަޕްސައިޑް ޑައުން އަކީ ކޭކުގެ ބާވަތެކެވެ. މީ ތަފާތު ގޮތްގޮތަށް އަޅާ އުޅޭ ކޭކެވެ. ރޯދަމަހުގެ ސުފުރާ ފަޅުފިލުވައިލުމަށް މިއަދުގެ މެނޫގައި ޕައިންއެޕަލް އަޕްސައިޑް ޑައުން ހިމަނާލުން ކިހިނެއް ވާނެ ހެއްޔެވެ.؟ މީ މަދު ބާވަތްތަކަކުން ތައްޔާރު ކޮށްލެވޭ ކޭކެކެވެ.

ބޭނުން ވާނެ ތަކެތި

1 ދަޅު ގެރިކިރު

5 ބިސް

1 ޖޯޑު ފުއް

1 ދަޅު ޕައިންއެޕަލް

ބައި ޖޯޑު ބަޓަރު

ވެނީލާ އެސެންސް

2 ސައި ސަމުސާ ބޭކިން ޕައުޑާ

2 މޭޒުމާތީ ސަމުސާ ހަކުރު

ދެ އިނގިލި ކުރިން ހިފާލެވޭވަރުގެ ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކޭކު އެޅުމަށް ބޭނުން ވާ ޓްރޭއަށް ހަކުރު ކޮޅު އަޅާ މަޅުކޮއްލާށެވެ. ގޯލްޑެން ބްރައުން ކުލަ ހުންނަވަރަށް ހަކުރު ކޮޅު މަޅުވުމުން އަލަނާސި ފޮތިތަށް އަތުރާލާށެވެ. އެއަށް ފަހު ސެޓް ކުރުމަށް ޓްރޭ ބައިންދާށެވެ.

ކޭކު ތައްޔާރު ކުރުމަށް ބަޓަރާއި ބިހާއި ގެރިކިރު އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮއްލާށެވެ. އެއަށް ފަހު ފުއްކޮޅު ފުރޭންޔަކަށް އެޅުމަށްފަހު ބޭކިން ޕައުޑާ އަދި ލޮނު ކޮޅު އަޅާއިގެން މިކްސް ކޮށްފައި ހުރި ތަށި ތެރެއަ ފުރާނާލާށެވެ. އެއަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮއްލާށެވެ. މިހާރު ހުންނާނީ ކޭކު ފުއްގަނޑެއް ހެދިފައިއެވެ. ދެން އެސެންސު ކޮޅު އެއްކޮއްލުމަށް ފަހު ސެޓް ކުރަން ބޭންދި ޓްރޭއަށް އަޅާލާށެވެ. އަވަން ޕްރި ހީޓް ކުރުމަށްފަހު ކޭކު ފިހެން ލާށެވެ. މައްޗަށް ބްރައުން ކުލަ އަންނަންދެން ފިހާށެވެ. ރަނގަޅަށް ފިހެވުންކަނަ ޔަގީން ކުރުމަށްފަހު ކޭކު ނަގާ ހިހޫ ކުރަން ބައިންދާށެވެ. ހިހޫ ވުމުން ތައްޓަކަށް ބަންޑުން ޖަހާށެވެ. މިހާރު އެ ހުރީ ޕައިންއެޕަލް އަޕްސައިޑް ޑައުން ތައްޔާރުވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!