އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފޮނުވާފައިވާ ނަންތަކަށް އާންމުންގެ ހިޔާލު ހޯދަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް އޮތްތޯ ބެލުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެއްވެސް ޝަކުވާއެއް އޮތް ނަމަ މެއި 10ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން މަޖިލީހުގެ އިދާރާއަށް ޝަކުވާ ހުށަހަޅަންޖެހެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ މާލެ ދަފްތަރުގައި ޖެހިފައިވާ ޝިހާމް މުހައްމަދު ވަހީދާއި، ހ. ގުރުވަ، އަހްމަދު އާހިދު ރަޝީދުގެ އިތުރުން މ. ދާސްތާން، މަރިޔަމް އަލީމް އެވެ. ރައީސްގެ ލިސްޓްގައި އެންމެ ކުރީގައި ހިމަނުއްވާފައިވަނީ ޝިހާމްގެ ނަމެވެ.

މިތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ ދުވަހު ވަނީ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވާފަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ފިޔާޒު މޫސާ، އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. ދުވަހު ނޫހެއް ހެއްދެވުމުގެ ގޮތުން އެނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު ފަހުކޮޅު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!