ކޮވިޝީލްޑް ވެކްސިން މިރޭ ޖަހައިދެނީ ހަމައެކަނި ސޯޝަލް ސެންޓަރުން

ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދޭނީ ހަމައެކަނި ސޯޝަލް ސެންޓަރުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޝީލްޑް ގެ ދެވަނަ ޑޯޒް ދެވޭނީ ހަމައެކަނި މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހާ ދެމެދު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ސޯޝަލް ސެންޓަރު ގައި ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރުން ކޮންމެ ރެއަކު 480 ނަންބަރު ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ސިނޯފާމް ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ދިނުން އެހެން ސެންޓަރުތަކުގައި ކުރިއަށް ދާނެ ކަމަށް އެޗްޕީޢެއިން ބުނެއެވެ. އެ ގޮތުން ރައްޔިތުންގެ މަޖްލީހާއި ޓްރީޓޮޕް ހޮސްޕިޓަލްގެ އިތުރުން ނެޝަނަލް އާޓް ގެލަރީ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒް ހިމެނެއެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިން އެވެ. މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

ޗައިނާގެ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން ފެށީ މިދިޔަ މަހުގެ 17 ގައެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!