ވިލިމާލޭގައި ކޮވިޝީލްޑް ސްޓޮކް ހުސްވެ މިރޭ ޖަހާނީ ސިނޯފާމް

ކޮވިޑް ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހައިދިނުމުގެ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ޖެހައިދެމުން ދިޔަ ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވެ މިރޭ ވިލިމާލޭގައި ސިނޯފާމް ވެކްސިން ޖަހައިދޭ ގޮތަށް ނިންމައިފިއެވެ.

ވިލިމާލެ ސިއްހީ މަރުކަޒުން ބުނީ މި ވަގުތު ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ހުސްވެފައިވާ ކަމަށެވެ. ނަމަވެސް މިރޭ ވެސް ވިލިމާލެ ޔޫތް ސެންޓަރުގައި ވެކްސިން ޖަހައި ދިނުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށާއި ވިލިމާލެއިން ޖަހައިދޭނީ ސިނޯފާމް ވެކްސިން ކަމަށެވެ. މީގެ އިތުރުން އެ ސެންޓަރުން ބުނީ ކޮވިޝީލްޑް ވެކްސިން އެ ސެންޓަރުން ދެން ޖަހައިދޭން ފަށާނެ ދުވަހެއް ބުނެދޭން ނޭނގޭ ކަމަށެވެ.

ވިލިމާލޭގައި ކޮވިޝީލްޑް ވެކްސިން ޖަހައިދިނުން ހުއްޓުމަށް އައިސްފައިވާ ސަބަބު އޮޅުން ފިލުވުމަށް އެޗްޕީއޭއިން ކޮމެންޓެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި އެ އެޖެންސީން ވަކި ޖަވާބެއް ނުދެއެވެ.

ނަމަވެސް މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ސެންޓަރު ތަކުގެ ތެރެއިން ސޯޝަލް ސެންޓަރުގައި މިރޭ ވެސް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ސޯޝަލް ސެންޓަރުން ވެކްސިން ޖެހުމަށް 480 ނަންބަރު ދޫކުރާ ގޮތަށް ހަމަޖެހިފައިވާ އިރު ދެވަނަ ޑޯޒް ޖަހައިދެނީ މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ވެކްސިން ޖެހި މީހުންނަށެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން މިހާރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އަންނަނީ ދެވަނަ ޑޯޒް ޖަހަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!