މަލީހު ދެއްކެވީ އަސާސެއް ނެތް ވާހަކަތަކެއް: މަޖިލީސް

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ބިރުދައްކާ ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިފިއެވެ.

މަޖިލީހުގެ ތަޅުމުން އެފަދައިން ނިންމީ މަލީހުގެ ތުހުމަތުތައް އިމްތިޔާޒް ކޮމެޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓަށް މިއަދު ނެގި ވޯޓުގެ ތެރެއިން ނެވެ. ކޮމެޓީގެ ރިޕޯޓް ފާސް ކުރަން 48 މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ.

މަލީހް ދެއްކެވި ވާހަކަތައް ހޫނެވެ އިމްތިޔާޒް ކޮމެޓީއަށް މައްސަލަ ފޮނުވީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދައި ބަލައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން ނެވެ. ނަމަވެސް ކޮމެޓީން ނިންމީ މަލީހްގެ މައްސަލަ ފައިލް ކުރުމަ ށެވެ.

މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ދިރާސާކޮށް، މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގައި، މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލައިފިނަމަ އެފަރާތެއްގެ އަދަބަކީ -/3,000 ރުފިޔާއާއި -/10,000 ރުފިޔާއާ ދެމެދު ޢަދަދުން ނުވަތަ 3 މަސް ދުވަހާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުންކަން ބަޔާންކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި އެ ޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަންކަމާއި މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނަ ކަންކަމާމެދު ފިޔަވަޅު އަޅާނީ އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިގެން ޝަރީޢަތް މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވާކަންވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. އަދި އެ ޤާނޫނުގައި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުކުރެވޭ މީހާއާއި ކުރެވޭ ސުވާލުތަކަށް އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަށްކަން ތެދުބަހުން ޖަވާބު ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ކޮމިޓީން ކުރި ސުވާލުތަކަށް ސީދާ ޖަވާބުދާރީވުމަށް މުޙައްމަދު މަލީޙް ޖަމާލު އުޒުރުވެރިވެފައިވާކަމަށާއި، މަލީހު ޖަމާލް ދެއްކެވީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށްވެސް މަޖިިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.

އެހެންކަމުން މަލީހު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވަހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!