ޕްލާސްޓިކް ސާޖަރީގެ ސަބަބުން މޫނުމަތި ހަޑިވިގޮތް ކޮއެނާ ކިޔައިދީފި

ކޮއެނާ މިތުރާ އޭ ބުންޏަސް އެއީ ކާކުކަން ނޭނގިދާނެއެވެ. އެހެންނަމަވެސް، ކުރީގެ “ސާކީ ސާކީ” ލަވައިގައި ސަންޖޭ ދަތާއެކު ނެށި އަންހެން ކުއްޖާއޭ ބުނުމުން ގިނަ ބަޔަކަށް އެނގޭނެއެވެ.

އެ ލަވަ ކުޅެގެން ކޮއެނާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރިއަކަށް ބަދަލުވެގެން ދިޔައެވެ. އަދި އެތައް ފިލްމުތަކަކުން ފުރުސަތުތައް ވެސް ލިބުނެވެ. އެހެންނަމަވެސް، އޭނާގެ މަޝްހޫރުކަން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެއެވެ. އޭގެ އެއް ސަބަބަކީ، ކޮސްމެޓިކް ސާޖަރީ ހަދައިގެން ކޮއެނާގެ ސިފަ މުޅިން ބަދަލުވެގެން ދިޔުމެވެ.

37 އަހަރުގެ ބަތަލާ ވަނީ އެކަމާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަދައްކައިފައެވެ. އެގޮތުން މީގެކުރިން “ޒޫމް ޓީވީ” އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ސާޖަރީ ނުބައިކޮށް ގޮސް “އަތަށް ގޮވީ” އޭ ކިޔައިގެން ގިނަ ބަޔަކު ފާޑުކިޔަސް، ހަގީގަތުގައި ކަންވީ އެހެންނެއް ނޫން ކަމަށެވެ. އަދި އޭނާ ހެދި ސާޖަރީތަކަކީ މާ ބޮޑެތި ސާޖަރީތަކެއް ވެސް ނޫން ކަމަށާއި، ނޭފަތް ކުޑަކުރަން އާންމުކޮށް މަޝްހޫރު މީހުން ހަދާ ރައިނޯޕްލާސްޓީ ހެދި ކަމަށް އެއްބަސްވިއެވެ. ރައިނޯޕްލާސްޓީގެ އިތުރުންވެސް މޫނުގެ ބައްޓަން ބަދަލުކުރުމަށް ކޮއެނާ ސާޖަރީ ހެދިއެވެ.

އޭނާގެ މޫނުމަތި ބަދަލުވެގެން ދިޔައީ ސާޖަރީ ނުބައިކޮށް ގޮސްގެން ނޫންކަމަށް ބުނަމުން ކޮއެނާ ބުނީ، އެސާޖަރީއަށް އޭނާގެ ހަށިގަނޑު “ރިއެކްޓު” ކުރި ގޮތް ތަފާތުވީ ކަމަށެވެ. އެގޮތުން އޭނާގެ ކަތުރުކަށިގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށް، އެހިސާބު ދުޅަވީ ކަމަށް ކިޔައިދިނެވެ. އަދި އޭގެ ސަބަބުން މުޅި މޫނުމަތީގެ ސިފަ ގެއްލި، ހަޑިވީ ކަމަށް ބުންޏެވެ.

“އެއީ އަހަރެންގެ ފުރަތަމަ ތަޖުރިބާ. އެހެންވެ އަހަރެންގެ ހަށިގަނޑު ރިއެކްޓު ކުރާނެ ގޮތް ނޭނގުނީ އޭރު އަލަށް ވީމަ”، ކޮއެނާ ބުންޏެވެ.

ބައެއް ފިލްމުތަކުން ފެނިފައި ފަހުން މުނިފޫހިފިލުވުމުގެ ދާއިރާއިން ފެޔަށް ޖެހިފައި ހުރި ކޮއެނާ އެންމެފަހުން ފެނުނީ 2019 ވަނަ އަހަރު “ބިގް ބޮސް 13” އިންނެވެ. ކޮއެނާ މިހާރު ދަނީ ޕްރޮޑިއުސަރަކަށް ވާން މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!