ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ސޯލިހު ތާއީދެއް ނުކުރައްވާ: ރީކޯ މޫސާ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ މޫސާ މަނިކު “ވަން އޮންލައިން” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ސޯލިހު ހުންނެވީ ރައްޔިތުން ނިންމާފައިވާ ގޮތުގެ މަތީން ދައުލަތް ހިންގެވުމަށް ކަމަށެވެ. އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާ ކަމަށާއި، މިއީ ނިޒާމުގެ ކަންތަކާ އުޅެން ޖެހޭ ވަގުތެއް ނޫން ކަމަށް ރައީސް ޤަބޫލުކުރައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

“ރައީސް އަޅުގަނޑު ކައިރީ އިހަކަށް ދުވަހު ވިދާޅުވީ މޫސާއޭ ރައްޔިތުން އެ އޮތީ ގޮތެއް ނިންމާފަ ނޫންނޭ. އެހެންވީމަ އެވާހަކަ ދެން ދައްކަނީ ކީއްކުރަންހޭ. ތިމަންނާ ބޭނުންވާ ގޮތް އެއޮތީ ރައީސް ނަޝީދަށް ވެސް ދަންނަވާފައޭ. ރައީސް ސޯލިހު ރައީސް ނަޝީދަށް ފޮނުއްވި މެސެޖުގެ މާނައަކީ ތިއީ ތިމަން މަނިކުފާނާ ރައީސް ނަޝީދާ ނިންމަން ޖެހޭ ކަމެއް ނޫނޭ. ރައްޔިތުން އޮތީ ގޮތް ނިންމާފައޭ.” މޫސަ ވިދާޅުވި ކަމަށް “ވަން އޮންލައިން” އިން ރިޕޯޓުކުރެއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ބަރުލަމާނީއަށް ވެރިކަން ފުރޮޅުލައިލައްވަން ބޭނުންފުޅު ނަމަ އެކަން ކުރެއްވުމުގެ މަސައްކަތް މާ ކުރީން ވެސް ފެއްޓެވީސް ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ސޯލިހަށް މި މަހުގެ 19 ވަނަ ދުވަހު ކުރެއްވި މެސެޖުގައި ވަނީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި ވިސްނުންފުޅާއެކު، ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!