އިންޑިއާ ލޮކްޑައުން ކުރުމުން ބޮލީވުޑް ތަރިން ރާއްޖެއަށް

އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް ވަރަށް ބޮޑުތަން އިތުރުވަމުންދިޔުމާ ގުޅިގެން 15 ދުވަހަށް އެ ޤައުމު ފުރަބަންދު ކުރަން ނިންމުމުން، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެއަށް ދަތުރުކޮށްފިއެވެ.

ލޮކްޑައުން އިން ސަލާމަތްވުމަށް ޒުވާން ބަތަލާ ސާރާ އަލީ ޚާން މީގެ ދެދުވަސް ކުރިން ރާއްޖެއަށް އައިސްފައިވާއިރު، އަނެއްކާވެސް އިތުރު ތަރިންތަކެއް މިވަނީ އައިސްފައެވެ. އެގޮތުން އިއްޔެ ބަތަލާ ދިޝާ ޕަޓާނީ އައިސްފައިވެއެވެ. އަދި އޭނާ އައީ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު ޓައިގާ ޝްރޮފް އާއެކު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ދިޝާ އަންނަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް، ރާއްޖޭގައި ހޭދަކުރަމުންދާ ވަގުތުތައް ފޭނުންނާ ހިއްސާކުރަމުންނެވެ. އެހެންނަމަވެސް، ޓައިގާގެ އިންސްޓަގްރާމްގައި އަދި އެފަދަ އެއްވެސް ފޮޓޯއެއް ހިއްސާއެއް ނުކުރެއެވެ.

ދިޝާ އާއި ޓައިގާގެ ޖޯޑުގެ އިތުރުން، ބަތަލާ އާލިއާ ބަޓާއި އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ވެސް މިއަދު ރާއްޖެއަށް ދަތުރު ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި އެދެތަރިން އެއާޕޯޓުގައި އެކުގައި ތިބި ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. އާލިއާ އާއި ރަންބީރަކީ ދާދިފަހުން ކޮވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވެފައިވާ ދެމީހުންކަން ފާހަގަކޮށްލެވެއެވެ.

މި ހުރިހާ ތަރިންނަކީ ވެސް މި އަހަރު މީގެކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ތަރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!