ރައީސް ނަޝީދު ގެންނަން އުޅެނީ ބަގާވާތެއް ކަމުގައި އިބްރާ ސިފަ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، ރައީސް ނަޝީދު މިހާރު ގެންނަން އުޅެނީ ބަގާވާތެއްގެ ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއި (އިބްރާ) ސިފަ ކުރައްވައިފިއެވެ.

މީގެ ކުރިން ވަރަށް ނުސީދާކޮށް ރައީސް ނަޝީީދު ދައްކަވަމުން ގެންދެވާ ވާހަކަފުޅު ރޭ ވަނީ ވަރަށް ބޮޑަށް ތިލަ ކުރައްވާ ފާޅު ކުރައްވާފަ އެވެ. ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައެވެ.

މި މައުލޫގައި އިބްރާ އިތުރަށް ވިދާޅުވެފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހޮވަން އިބްރާ ވޯޓުދެއްވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން ކަމަށެވެ.

“ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅޭކަށް ނޫން” އިބްރާ ވިދާޅުވެފައިވެއެވެ.

ނަޝީދުގެ އެ މެސެޖަށް އިޝާރާތް ކުރައްވާ އިބްރާހިމް އިސްމާއީލް ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ވަޒީރުކަން ހަވާލު ކުރެވޭނެވަރުގެ އެއްވެސް ބޭފުޅަކު ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ ރައްޔިތުން ނިންމާފައި އޮތް ކަމެއް މަޖިލީހަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

“ހައިސިއްޔަތު އޮޅިގެން މިހާރު ތި އުޅުއްވަނީ. އަންނި [ރައީސް ނަޝީދު] މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން،” ބަރުލަމާނީ އަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ މަަސައްކަތްޕުޅަށް ފާޑުވިދާޅުވަމުން އިބްރާ ވިދާޅުވި އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!