ނިޒާމް ބަދަލުކުރުމަކީ ރައީސަށް ކުރެއްވޭނެ ކަމެއް ނޫން: ޝަރީފް

ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށާ އެކަން ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކަށް އަދި ރައްޔިތުންގެ މަޖިލީހަށްވެސް ނުނިންމޭނެ ކަމަށް އައްޑޫސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގަ އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލާ އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ އޮތް ނިންމުމެއް ކަމަށާ އެ ނިންމުން ރައްޔިތުންގެ ވޯޓަކަށް ނުގޮސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

“އެއީ ރައީސް އަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ނިންމޭނެ ކަމެއް ނޫން،” އަބަދުވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަދައްކަވާ ޝަރީފް ވިދާޅުވިއެވެ.

 ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!