ދުނިޔޭގެ ޓީޓީ ރޭންކިންގެ 8 ވަނައިގައި ދީމާ

ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ކެޓަގަރީގެ އަށް ވަނައިގައި ރާއްޖޭގެ ކުޅަދާނަ ކުޅުންތެރިޔާ އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ހިމެނިއްޖެއެވެ.

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކުރި ރޭންކިން ދައްކާގޮތުން ދީމާ ހިމެނިފައިވަނީ ދުނިޔޭގެ 15 އަހަރުންދަށުގެ އަންހެން ކުޅުންތެރިންގެ ރޭންކިންގެ އަށް ވަނައިގައެވެ. އެއީ ޖުމްލަ 1028 ޕޮއިންޓާއެކުގައެވެ. މި އުމުރުފުރާގެ އެއް ވަަނައިގައި އޮތީ 3144 ޕޮއިންޓާ އެކު ޖަޕާނުގެ މިވާ ހަރިމޯޓޯ އެވެ.

ދީމާ ވަނީ ދުނިޔޭގެ ޓީޓީގެ ބޮޑެތި ގައުމުތަށް ކަމަށްވާ ޖަޕާނާއި ޗައިނާގެ އިތުރުން އެމެރިކާ އާއި އިންޑިއާގެ ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލާފައެވެ.  މިއީ ރޭންކިންގައި ދިވެހި ކުޅުންތެރިއަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޝަރަފުކަން ފާހަގަކޮށްލެވެއެވެ.

މި ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި، ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ދީމާގެ އަގުވަޒަންކޮށް މަރުޙަބާ ކިޔައިފައެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ސްރީލަންކާގެ ޔޫތް ސިސްޓަމްގެ ތެރެއިން ތަމްރީނުވި ދީމާ އެންމެ ބޮޑަށް ވިދާލާފައިވަނި މެލޭޝިއާގައި 2016 ވަނަ އަހަރު ބޭއްވި 11 އަހަރުންދަށުގެ މުބާރާތަކުންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ގިނަ ބަޔަކަށް ދީމާ މަގްބޫލުވެގެންދިޔައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!