ކޮވިޑުން ރަނގަޅުވެ، އަނޫޕަމާ އެނބުރި އަންނަން ތައްޔާރުވަނީ!

މިހާރު ދައްކާ ހިންދީ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ މަޤުބޫލު ސިލްސިލާ ކަމަށްވާ، ސްޓާ ޕްލަސްގެ “އަނޫޕަމާ” ގެ މުހިންމު ރޯލުތައް ކުޅޭ އެކްޓަރުންތައް މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅީގެން، އެ ސިލްސިލާގެ ސްކްރިޕްޓަށް ވަނީ ބަދަލު ގެންނަން ޖެހިފައެވެ. އެހެންނަމަވެސް، ޝޯގެ ޓައިޓަލް ރޯލު ކުޅޭ ބަތަލާ ރުޕާލީ ގަންގޫލީ މިހާރު ކޮވިޑުން ރަނގަޅުވެފައި ވާތީ، އޭނާ ހުރީ އެ ޝޯއަށް އެނބުރި އަންނަން ތައްޔާރުވެގެން ކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ.

‘ބޮލީވުޑްލައިފް’ އިން ރިޕޯޓުކުރާ ގޮތުގައި، ރުޕާލީ އެންމެފަހުން ހެދި ޓެސްޓުން ކޮވިޑް-19 އަށް ނެގަޓިވްވެފައި ވާތީ، އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި މިހަފްތާ ތެރޭގައި “އަނޫޕަމާ” ގެ ޝޫޓިންގައި އަލުން ބައިވެރިވާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް، މިފަހަރު އަނޫޕަމާ ފެންނާނީ ތަފާތުކޮށް ކަމަށްވެސް ބުނެއެވެ.

ރުޕާލީއެކޭ އެއްގޮތަށް، އެ ސިލްސިލާގެ ފިރިހެން ލީޑު ކުޅޭ އެކްޓަރު ސުދަންޝޫ ޕާންޑޭ ވެސް ވަރަށް އަވަހަށް ޝޫޓިންގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. އޭނާ ވެސް މިވަގުތު ހުރީ ކޮވިޑް-19 ޖެހިގެން ކަރަންޓީނުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!