ޕަތާންގެ ކްރޫ މެންބަރުން ކޮވިޑަށް ޕޮޒިޓިވްވެ، ޝާހްރުކް ޚާން ކަރަންޓީނަށް

އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު “ޕަތާން” ގެ ޝޫޓިންގ ފަށާފައި ވަނިކޮށް، އެ ފިލްމުގެ ކްރޫ މެންބަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ޝޫޓިންގ މެދުކަނޑައިލަން ޖެހިއްޖެއެވެ. އަދި ޝާހްރުކް ޚާން ހިމެނޭ ގޮތަށް އެ ސެޓުގައި އުޅުނު އެންމެން މިވަގުތު ތިބީ ކަރަންޓީނުވެގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ފިލްމުގެ ބޮޑުބައި ދުބާއީގައި ޝޫޓުކޮށް ނިންމައިލުމަށްފަހު ބާކީ އޮތްބައި މުމްބާއީގައި ޝޫޓުކުރަމުންދަނިކޮށް ކްރޫ މެންބަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން، އެހެން މެންބަރުން މިހާރު ވަނީ އެ ބައްޔަށް ޓެސްޓުކޮށްފައެވެ. ނަމަވެސް އެމީހުންގެ ނަތީޖާ އަދި ލިބުނު ކަމެއް ނޭނގެއެވެ.

ޔާޝް ރާޖް ގެ ބެނާގެ ދަށުން ހަދާ “ޕަތާން” ގެ ޝޫޓިންގ މީގެކުރިން ވެސް ވަނީ އެކި ސަބަބުތަކާހެދި މެދުކަނޑައިލަން ޖެހިފައެވެ. އަނެއްކާވެސް މަސައްކަތް ހުއްޓައިލަން ޖެހިފައި މިވަނީ، އިންޑިއާގައި މިހާރު ވަރަށް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އޭގެ އަސަރު ކޮށްގެނެވެ.

“ޕަތާން” އަކީ 2018 ވަނަ އަހަރު ނުކުތް “ޒީރޯ” އަށްފަހު ޝާހްރުކް އެނބުރި ރިހި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ބަތަލާ ދިޕިކާ ޕަޑުކޯނާއި ޖޯން އަބްރަހަމް ވެސް ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!