ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު ޢާއްމުކޮށްފި

މި އަހަރުގެ ރޯދަމަހު މާލެ ސަރަހައްދުގައި ފިތުރު ޒަކާތް ބަލައިގަންނާނެ ގޮތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އެ މިނިސްޓްރީން 1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން، 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ދިރާގު، އުރީދޫ، އިސްލާމިކް ބޭންކް، ބޭންކްއޮފް މޯލްޑިވްސް ގެ އިތުރުން، ފަހިޕޭ މެދުވެރިކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

މި މުއައްސަސާތަކުން ޒަކާތް ބަލައިގަންނަ ގޮތްތަކަށް ބަލާއިރު، ދިރާގުން ޒަކާތް ދެއްކޭނީ، ދިރާގު ވެބްސައިޓު، ނައުއެމްވީ އެޕްލިކޭޝަން ނުވަތަ އެސްއެމްއެސް ގެ ޒަރީއާއިންނެވެ. އުރީދޫން އެމްފައިސާއާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭއިރު، އިސްލާމިކް ބޭންކުން ފައިސާނެޓް އެޕްލިކޭޝަން އަދި މައި ގޮފިންނާއި ހުޅުމާލެ ގޮފިން ޒަކާތް ބަލައިގަންނާނެއެވެ. މީގެ އިތުރުން ބީއެމްއެލްގެ ވެބްސައިޓުންނާއި ފަހިޕޭ އެޕްލިކޭޝަން ނުވަތަ ޕޯޓަލް މެދުވެރިކޮށް ވެސް މިއަހަރުގެ ޒަކާތް ދެއްކޭނެއެވެ.

މާލެ ސިޓީގައި ޒަކާތް ދެއްކޭނެ ފަސޭހަ ގޮތްތަކެއް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައިވާއިރު، ޒަކާތް ނެރެންޖެހޭ އަގުތައް ވެސް އެ މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން މާލޭގައި، އާދައިގެ ހަނޑުލުން ޒަކާތް ނެރޭނަމަ، ދައްކަންޖެހެނީ 12 ރުފިޔާގެ ރޭޓުންނެވެ. އަދި ތައިލެންޑް ހުދުހަނޑުލުން 52 ރުފިޔާ ދައްކަންޖެހޭއިރު، އާދައިގެ ބާސްމަތީ ހަނޑުލުން ދައްކަން ޖެހެނީ 89 ރުފިޔާއެވެ. ހަމައެހެންމެ މޮޅު ބާސްމަތީ ހަނޑުލުން 89 ރުފިޔާގެ މަގުން އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން ދައްކަންޖެހެނީ 125 ރުފިޔާއެވެ. މީގެ އިތުރުން ފުށުން ޒަކާތް ނެރެންޖެހޭ ފައިސާގެ އަދަދަށް ބަލާއިރު، އާދައިގެ ފުށުން ނަމަ ދައްކަންޖެހެނީ 10 ރުފިޔާއެވެ. އަދި އާޓާ ފުށުން ދައްކަންޖެހެނީ 59 ރުފިޔާއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި އާންމުކޮށް ނެރޭނީ އަހަރުތެރޭ އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި އާދައިގެމަތިން ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!