ރިއާ އާއި އަދިތިޔާ ރައްޓެހިވިކަން އެނގޭތަ؟

ބޮލީވުޑް އެކްޓްރެސް ރިއާ ޗަކްރަތަބީ އާއި \އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު ކުރިން ރައްޓެހިވި ކަމަށް ބުނާ ވާހަކަތަކަކަށް މީސްމީޑިއާގައި ސަމާލުކަން ލިބިއްޖެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގާތުން ބަލާ ފަރާތްތަކަށް މިއީ އާ ޚަބަރަކަށް ނުވިޔަސް، މިކަން ނޭނގި އޮތް މީހުންނަށް ވަނީ ހައިރާންކަން ލިބިފައެވެ. މި ޚަބަރު އަނެއްކާވެސް ވައިގައި ހިފައިގެން މިއުޅެނީ، ރިއާ އެންމެފަހުން ރައްޓެހިވެގެން އުޅުނު އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ އެކުވެރިއެއް ކަމަށްބުނާ މީހަކު މީސްމީޑިއާގައި އެވާހަކަ ލިޔުމުންނެވެ. ސުޝާންތު ވަނީ މިދިޔަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ.

ސުޝާންތުގެ ކުއްލި މަރުގެ ތުހުމަތުގައި އެންމެ ގިނަ ބަޔަކު އިނގިލި ދިއްކުރީ ވެސް ރިއާ އަށެވެ. ނަމަވެސް ރިއާ ވަނީ އެ ތުހުމަތުތަކަށް ސާފުބަހުން އިންކާރު ކޮށްފައެވެ. އެހެންނަމަވެސް، ސުޝާންތުގެ މަރުގެ ތަހުޤީޤަށް ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރިއާ މިދިޔަ އަހަރު ޖަލަށް ލުމުން، އޭނާގެ އަގު ވަނީ ބެލުންތެރިންގެ ކުރިމަތީގައި ވެއްޓިފައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ބުނާ ގޮތުގައި، ރިއާ އާއި އަދިތިޔާ ލޯބީގެ ގޮތުން ގުޅުނީ، އެމްޓީވީގައި އެކުގައި މަސައްކަތް ކުރަން އުޅެމުންނެވެ. އަދި އެ ގުޅުން 2012 އިން 2014 އާ ހަމައަށް ދެމިގެންދިޔަ ކަމަށާއި، އެންމެފަހުން ނިމުނީ ވަރަށް “ހަޑިކޮށް” ކަމަށް ބުނެއެވެ. ރުޅިވުމަށްފަހު ވެސް އަދިތިޔާ އުޅުނީ ރިއާއާ ހެދި ކަމަށާއި، އޭނާ އެކަމުން އަރައިގަންނަން ދުވަސްތަކެއް ނެގި ކަމަށް ރިޕޯޓުތައް ބުނެއެވެ.

2014 ގައި އޮތް އެވޯޑު ހަފްލާއެއްގައި، ރިއާގެ އަތުން އަދިތިޔާއަށް އެވޯޑެއް ދޭން ޖެހުމުން ރިއާ އެކަމަށް ދެކޮޅުހެދިކަމަށް ވެސް އޭރުގެ ރިޕޯޓުތައް ބުނެއެވެ. އަދި އޭނާ އެފަދައިން ކަންތައް ކުރީ، އޭރު އޭނާއަކީ ފިލްމު އިންޑަސްޓްރީގައި އާ މޫނަކަށް ވެފައި، ކެރިއަރުގެ ކުރީކޮޅު އަދިތިޔާ ފަދަ ތަރިއަކާ ގުޅުވައިގެން އެއްވެސް އަޑެއް އަރަން ބޭނުންނުވާތީ ކަމަށް ވެއެވެ.

ކޮންމެއަކަސް، ރިއާއާއި އަދިތިޔާ ރުޅިވި ސީދާ ސަބަބެއް ސާފުނުވިޔަސް، އަދިތިޔާ ފަހުން ރައްޓެހިވި ކަމަށްވަނީ “އާޝިގީ 2” ގައި އޭނާއާއެކު މަސައްކަތްކުރި ބަތަލާ ޝްރަދާ ކަޕޫރާއެވެ. އެހެންނަމަވެސް، އެ ގުޅުން ވެސް މިހާރު އޮތީ ނިމިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!