ޝަކްތީގެ ފިރިހެން ލީޑަށް ކަސޯޓީގެ އަނޫރާގް

ކަލާޒް ޓީވީން ގެނެސްދޭ ޑްރާމާ ސިލްސިލާ “ޝަކްތީ” ގެ ފިރިހެން ލީޑު ރޯލަށް، ސްޓާ ޕްލަސް އިން ކުރިން ގެެނެސްދިން މަޤުބޫލު ސިލްސިލާ “ކަސޯޓީ ޒިންދަގީ ކޭ” ގައި އަނޫރާގްގެ ރޯލު ކުޅެގެން މަޝްހޫރުކަން ހޯދި އެކްޓަރު ސިޒާން ޚާން ހޮވައިފިއެވެ.

ޖިންސު ބަދަލުކޮށްފައިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ “ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ” ގެ ފިރިހެން ލީޑު ކުރިން ކުޅުނީ ވިވިއަން ޑިސޭނާއެވެ. ހަރްމަން ކެރެކްޓާ ގިނަ ދުވަސްތަކެއް ވަންދެން އަދާކުރުމަށްފަހު، ވިވިއަން ވަނީ އެ ޝޯއާ އަލްވަދާޢު ކިޔައިފައެވެ. އަދި މިހާރު އޭނާގެ ބަދަލަށް ސިޒާން ގެންނަން އުޅޭއިރު، ސިޒާން ޝޫޓިންގ ތަކުގައި ވެސް ބައިވެރިވާން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އޭނާ “ޝަކްތީ” ގެ ސެޓުގައި ބަތަލާ ރުބީނާ ދިލެއިކް އާއެކީ ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

“ޝަކްތީ” ގެ އެންމެ މުހިންމު ރޯލު އަދާކުރި ރުބީނާ ދިލެއިކް ވެސް މީގެކުރިން އެ ޝޯއާ ވަކިވުމަށްފަހު، ދާދިފަހުން ވަނީ ޝޯއާ އަލުން ގުޅިފައެވެ. އަދި ސިޒާން އާއި ރުބީނާގެ ކެމިސްޓްރީ ވަރަށް އަވަހަށް ޓީވީއިން ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!