ޕްރިޔަންކާގެ ބިއުޓީ އައިކޮން އަކީ ކޮން ބަތަލާއެއް؟

ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާގެ ރީތިކަމާއި ހުނަރުން މުޅި ދުނިޔޭގެ ތަޢުރީފު ހޯދައިފައެވެ. ބޮލީވުޑުން އެކްޓިންގ އަށް ނުކުތް ބަތަލާ ވަނީ މިހާރު ހޮލީވުޑުން ވެސް ޖާގަ ހޯދައިފައެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބެލިކަމުގައި ވިޔަސް، އޭނާ އަކީ ތަފާތު އެކި ސްޓައިލް ތަކަށް ހެދުން އަޅައި އުޅޭ ތަރިއެކެވެ.

ދާދިފަހުން ބައިނަލްއަޤުވާމީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ، އޭނާގެ “ބިއުޓީ އައިކޮން” އަކީ ކާކުކަން ހާމަކޮށްފައެވެ. އެގޮތުން 38 އަހަރުގެ ބަތަލާ ކިޔައިދިން ގޮތުގައި، ރީތިވުމުގައި އޭނާ ބަލަނީ ކުރީގެ ބަތަލާ ސްރީދޭވީގެ ސްޓައިލް އަށް ކަމަށެވެ. ސްރީދޭވީގެ އެންމެ ފާހަގަވާ ސިފައަކީ އޭނާގެ ރީތި ބޮޑު ދެލޯ ކަމަށާއި، ހެދުން އެޅުމުގައި ވެސް އޭނާ އަކީ ތަފާތު އެކި ސްޓައިލްތައް ތަޖުރިބާކުރި އެކްޓްރެސް އެއް ކަމަށް ބުންޏެވެ.

“ކޮންމެ ފިލްމަކަށް އޭނަ ތަފާތު ލުކް އެއް ދައްކާލާ”، މިހާރު މި ދުނިޔެ ދޫކޮށްފައިވާ ކުޅަދާނަ ބަތަލާއާ ބެހޭގޮތުން ޕްރިޔަންކާ ބުންޏެވެ.

މީގެ ކުރިން ވެސް އެކި މުނާސަބާތަކުގައި ޕްރިޔަންކާ ވަނީ ސްރީދޭވީގެ ރީތިކަމަށް ތަޢުރީފުކޮށްފައެވެ.

ސްރީދޭވީއަކީ 1980 ގެ އަހަރުތަކުން ފެށިގެން 90 ގެ ފަހުކޮޅާ ހަމައަށް ސްރީދޭވީއަކީ ބޮލީވުޑްގައި ވަރަށް ގަދަޔަށް ވިދައިލި ތަރިއެކެވެ. އަދި މިއަދާ ހަމައަށްވެސް އޭނާއަކީ އިންޑިއާގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ހުނަރުވެރި އެއް ބަތަލާ ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!