ސަފީރު ކަމުގެ ދައުރު ހަމަކުރެއްވުމަށްފަހު ޖަންގް އެނބުރި ޗައިނާއަށް

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީ ޖަންގ ލީ ޖޮންގް އެނބުރި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ސަފީރު ފުރާވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނުއެވެ.

ސަފީރު ޖަންގް ލިޖޮންގްއަކީ ދިވެހިރާއްޖޭގައި ޗައިނާގެ އެމްބަސީއެއް 2011 ގައި ހުޅުވިފަހުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި 3 ވަނަ ސަފީރެވެ. އެމަނިކުފާނު ސަފީރުކަމާއި ހަވާލުވީ އޮގަސްޓް 2017 ގައެވެ.

ދައުރު ހަމަ ކުރައްވާ ފުރާ ވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރގެ އަރިހަށް ވަދާއީ ޒިޔާރަތްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި، ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަގޮތެއްގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން “ސިނޮފާރމް” ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީއާއި، އިޖްތިމާޢީ ކަންކަމުގައި ދެއްވި އެއްބާރުލުމުގެ ސަބަބުން ދިވެހިންގެ މެދުގައި އެމްބެސެޑަރ ޖަންގްގެ މަގުބޫލުކަން މިނިސްޓަރ ޝަހިދުވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19 ގެ ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީއަށް އެމްބެސެޑަރ ޖަންގއަށް މިނިސްޓަރ ޝާހިދު ޝުކުރުދެންނެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމަނިކުފާނު ކުރައްވާ މަސައްކަތްތައް ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ސަފީރު ޖަންގް ލީ ޖޮންގްގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުމާ ގުޅިގެން ބޭއްވި ވަދާއީ ހަފްލާގައިވެސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިއްޔެ ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!