ފިލްމު ކުޅެން ބޭނުންވާ ޒުވާން އަންހެން ކުދިންނަށް ރާނީގެ ނަސޭހަތް

ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާން އަންހެން ކުދިންނަށް، ކާމިޔާބު ބަތަލާ ރާނީ މުކަރްޖީ ނަސޭހަތެއް ދީފިއެވެ.

ބޮލީވުޑްގައި މަސައްކަތްކުރާތާ 25 އަހަރު ފުރުން ދާދިފަހުން ފާހަގަކުރި ބަތަލާ މީޑިއާއަކާ ވާހަކަދައްކަމުން ވަނީ އޭނާގެ ބައެއް ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި އެކްޓު ކުރަން ޝައުގުވެރިވާ ޒުވާން އަންހެންކުދިންނަށް ނިސްބަތްކޮށް ދިން ނަސޭހަތުގައި ރާނީ ބުނީ، ބޮލީވުޑްގައި ކެރިއަރެއް ބިނާކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެކްޓު ކުރުމަކީ ހީކުރާ ވަރަށްވުރެ އުނދަގޫ ކަމެއް ކަމަށާއި، ޙާއްސަކޮށް މީހުން ބަލައިގަންނަ ފަދަ ތަރިއަކަށް ވެވޭ ހިސާބުން ބެލުންތެރިންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އެކި ފަހަރު އެކި މާހައުލުތަކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށާއި، ސްކްރީނުން ފެންނައިރު ކިތަންމެ ހިތްގައިމު ވިޔަސް، އެއީ ކުރަން އުނދަގޫ ކަމެއް ކަމަށް ރާނީ ބުންޏެވެ.

ރާނީ ބުނީ، ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމަށް ކުރާ ހިތުން ވަރަށް ފަރުވާތެރިކަމާއެކު ކަމަށެވެ. އަދި ހަމައެކަނި މަޝްހޫރު ކަމާއި ފައިސާގެ ދަހިވެތިކަމުގައި ފިލްމީ ދާއިރާއަށް ނުނިކުތުމަށް ނަސޭހަތްތެރިވިއެވެ.

ރާނީ މުކަރްޖީގެ އަތުގައި މިހާރު އޮތް ފިލްމަކީ “މިސިސް ޗެތަރްޖީ ވާސަސް ނޯވޭ” އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!