12 ޞިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރަނީ

ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކަޒު ކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް، އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާޞަބަތުގައި ހެލްތު މިނިސްޓަރ ދެއްވި ޚިޠާބުގައި މި ސަރުކާރުން އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ފަރުވާގެ ބޮޑެތި މަޝްރޫޢުތަކަކީ، އެ ދާއިރާގައި މިހާތަނަށް ދެކެފައިނުވާފަދަ އިންޤިލާބީ ކުރިއެރުންތަކެއްކަމަށް ވިދާޅުވިއެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށާއި، އެއީ ޚަރަދުބޮޑު އުނދަގޫ ކަންކަން ކަމުގައިވީނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތައް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެއައުމަށް ބަރޯސާވާންޖެހޭ މިންވަރު މަދުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެންމެ އުއްމީދީ ބަދަލުތައް ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ “އޮޕްޓިމައިޒޭޝަން” މަޝްރޫޢުގެދަށުން، މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ޚާއްޞަފަރުވާގެ ޚިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަޞީލަތްތައް އިތުރުކުރެވިގެންދާނެ. އިމަރޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވި މިކަމުގެ ފަންނީ ޚިދުމަތްތެރިން ތަމުރީނު ކުރެވޭނެ. 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެ.” ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރގެ ވާހަކަފުޅުގައި ރައްޔިތުންނާއި ގާތުން ޞިއްހީ ޚިދުމަތްދީ، ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރުކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ޤައުމުގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީ ހެލްތު ކެއަރގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށު ފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެ ތެރެއިންދެވޭ ވެކްސިންތައް ކަށްވަރުކުރެވިގެންދާނެ. ޞިއްޙީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ. ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯރމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، މި މަޢުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރެވޭނެ.” މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!