ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީ 5 ބިލިއަނަށް ޖެހިލައިފި

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ދައްކާގޮތުން ދައުލަތުގެ އާމްދަނީއަށް ވަނީ ހަފްތާއެއްގެ ތެރޭގައި އެއް ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މަރޗް 25ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 4,151.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކެއް އޭޕްރިލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 5,006.9 މިލިއަން ރުފިޔާއަށް ޖެހިލާފައެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 3,995.1 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 955.8 މިލިއަން ރުފިޔާއެވެ.

ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި 5,588.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޓެކުހުގެ ގޮތުގައި ލިބުނު 4,484.3 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު 1,002.3 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ މިމުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްގެ ގޮތުގައި ލިބިފައި ވަނީ 2.8 މިލިއަން ރުފިޔާއެވެ. އަދި މިއަހަރު ގްރާންޓްސްގެ ގޮތުގައި 55 މިލިއަން ރުފިޔާ ލިބުނު އިރު، ފާއިތުވި އަހަރު ގްރާންޓްސްގެ ގޮތުގައި 111.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ މިހާތަނަށް ސަރުކާރުން 6,575.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 4,853.5 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކުރި 1,722.4 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ވަނީ ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 4,986.4 މިލިއަން ރުފިޔާ އާއި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 1,723.3 މިލިއަން ރުފިޔާ ހަރަދުކޮށް، ޖުމްލަ 6,709.7 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި ހަރަދު ދެ އިންސައްތަ ދަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!