ސައުދީ އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު، މިއަހަރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ނުބަހާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ. މީގެ ކުރިން ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާ ކުރި ނަމަވެސް މިއަހަރު ހަދިޔާ ކޮށްފައިވަނީ 25 ޓަނުގެ ކަދުރެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިއަހަރު ކަދުރު ބަހަން ނިންމާފައިވަނީ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ބާކީވާ ކަދުރު ބަހަން ނިންމާފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ އެކި އެކި ފެސިލިޓީތަކަށް ކަމަށެވެ.