ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް އެމްޑީޕީ ބައެއް މެންބަރުންބޭނުމެއް ނުވޭ

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމާ މެދު މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ހިޔާލު ތަފާތު ވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިގެން މައްސަަލަ ހައްލު ނުވާނެ ކަމަށެވެ.

 އެ އޮތޯރިޓީގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ އެ މީހުން އިސްލާހު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެ އިދާރާގެ މުވައްޒަފުންނާއި އެހެން ވަސީލަތްތައް ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލުކޮށް މިނިސްޓްރީގައި އެ މަސައްކަތްކުރުމުން މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، އެއޮތޯރިޓީގެ މައިގަނޑު މަސައްކަތްތަކުގެތެރޭގައި ކައުންސިލްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އޮތޯރިޓީ އުވާލައިފިނަމަ މި ބާރުތައް ޖަމާވާނީ މައި މިނިސްޓްރީތެރެއަށް ކަމަށެވެ. އެހެންވެއްޖެ ނަމަ ލާމަރުކަޒީ ގޮތުން ކައުންސިލްތަކަށް ލިބިފައި އޮތް ބާރުތައް އަނެއްކާވެސް ނެތިގެން ހިނގައިދާނެ ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ، މިގާނޫނު އުވާލުމާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އޭރުން ފެނިގެންފާނީ އަނެއްކާވެސް އެއް ފިޔަވަޅު ފަހަތަށް އެޅޭތަން ކަމަށާއި، ސަރުކާރަށް މިބާރުތައް ޖަމާކުރަން މަސައްކަތްކުރާނަމަ ފެނިގެނދާނީ، ރައީސް ޔާމީންގެ ސަރުކާރުގައި ފެނިގެން ދިޔަ ކަހަލަ މަންޒަރެއް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިމަހު އަށް ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!