ކެނެޑާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 1 މިލިޔަން ޑޮލަރުގެ އެހީއެއް

ކެނެޑާގެ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ރާއްޖޭގެ ސިއްހީ ދާއިރާއަށް 1.35 މިލިއަން ކެނޭޑިއަން ޑޮލަރު (އެއް މިލިއަން ޑޮލަރު)ގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކެނެޑާ ސަރުކާރުންނާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ގުޅިގެން ދިވެހިރާއްޖޭގައި ގާއިމުކުރެވޭ “ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް” ގެ ނަމުގައި ލޯންޗްކުރެވޭ މި ޕްރޮޖެކްޓް އިފްތިތާހް ކުރެއްވުމަށް، މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވުނު ވަރޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރގެ އިތުރުން ޑަބްލިޔުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަހްމަދު ނަސީމު ވާހަކަފުޅު ދައްކަވަމުން، ވަނީ މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ޑަބްލިޔުއެޗްއޯއިން ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަ ކުރައްވާ ދެފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.

ކެނެޑާގެ ހައި ކޮމިޝަނަރ، ޑޭވިޑް މެކިނޮން މި ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ގާއިމު ކުރެއްވުމަށް ފޯރުދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެ މަނިކުފާނަށް ވަކިން ޚާއްސަކޮށް ޝުކުރު އަދާކުރެއްވިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ‘މެޑިކަލް ވޭސްޓް މެނޭޖްމަންޓް’ މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާތަނަށް މިހިދުމަތް ގާއިމުކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި ‘މެޑިކަލް ވޭސްޓް މެނޭޖްމަންޓް’ގެ ހިދުމަތްތައް ގާއިމުކުރާނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ ކޮވިޑް19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން މި ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!