ފްލެޓު ދޫކޮށްލަން ބޭނުންވާ މީހުން މި މަހު 19ގެ ކުރިން އަންގަން އެދިއްޖެ

ހިޔާ މަޝްރޫޢުގެ ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެދިއްޖެއެވެ.

މިކަމާގުޅިގެން ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ)އިން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މިފުރުޞަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީއާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް ޕްލޭނިންގ މިނިސްޓްރީޏް ވިދާޅުވެއެވެ. އަދި މި ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓްތަކުގެ އަގު، ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން H4 އަދި H5 ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، މިމަހުގެ 6 އިން ފެށިގެން 19 އާ ދެމެދުގެ މުއްދަތުގެތެރޭގައި ޕްލޭނިންގ މިނިސްޓްރީއަށް އެންގެވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން ސިޓީ މެދުވެރިކޮަށާއި، އީމެއިލް މެދުވެރިކޮށްވެސް އެންގޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!