ޕޮލިސް ބޯޑަށް ސަފާ ނަގަން ރުހުން ދީފި

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭ ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރިން މަސައްކަތް ކުރެއްވި ސަފާ ޝަރީފް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓްގައި ސަފާ ޕޮލިސް ބޯޑަށް އައްޔަނުކުރަން ފެންނަކަމަށް 34 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާން ދެވަނަ ފުރުސަތެއް ހުޅުވާލުމުން ސަފާގެ އިތުރުން ފަސް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަހްމަދު އުސައިދު ހަސަނާއި، ހައްވާ ރީނާ ހަސަނާއި، އިބްރާހިމް ތައުފީގު މޫނިސް އާއި، މުހައްމަދު އިމްރާން ޝަރީފްގެ އިތުރުން އައިޝަތު ރަޝީދެވެ.

އެ ނަންތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމީ ސަފާ ބޯޑަށް އައްޔަން ކުރާށެވެ.

ސަފާ ޝަރީފަކީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާ އެކު ލޯފާމެއްވެސް ހިންގެވި ބޭފުޅެކެވެ. އަދި މިހާރުގެ ބަންޑާރަ ނައިބުގެ ކުރީގެ އަނބިކަނބަލުން ވެސް މެއެވެ.

ފުލުހުންގެ ބޯޑަށް އާންމުންގެ ފަރާތުން ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލުމުން އޭރު ކުރިމަތިލެއްވީ ފަސް ބޭފުޅުންނެވެ. އޭގެތެރެއިން މަޖިލީހުން ރުހުން ދިނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްޑީޕީގެ ކުރީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރަށެވެ. އޭނާ އަކީ މިހާރުގެ ޕީޖީ، ހުސައިން ޝަމީމްގެ ބޭބެ އެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!