ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ތިން ކަނބަލަކު އައްޔަންކޮށްފިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރެވެ. މިއީ މި ރޭންކަށް ކަނބަލުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
“މަގާމު ލިބިވަޑައިގެންނެވިއިރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާއިރު މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައެވެ. “
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިވަޑައިގެންނެވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 26 އަހަރު ހޭދަކުރައްވާފައިވާއިރު މި މުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައިވެއެވެ.