ތަކެތީގެ އަގުބޮޑުކޮށް ވިއްކާނަމަ ފަގީރުން އިތުރަށް ފަގީރުވާނެ: ހުތުބާ

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ތެރޭގައި ތަކެތީގެ އަގު ބޮޑުކުރުމަކީ ފަގީރުން އިތުރަށް ފަގީރުވާނެކަމެއް ކަމަށް ހުތުބާގައި ބުނެފި އެވެ.

މަކަރާއި ހީލަތް ހެދުމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި އޮތްއިރު ހުތުބާގައި ބުނީ ވިޔަފާރިކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތްތަކުގެ މުދަލުގައި ވަރަށް ބޮޑަށް އޮޅުވާލުމާއި މަކަރު ހަދަމުން އަންނަކަމުގެ ޝަކުވާތައް އިވެމުން އަންނަ ކަމަށެވެ. 

ވިޔަފާރި ކުރުމުގެ ނިޔަތުގައި ގެންނަ މުދަލުގައި، ވަރަށް ބޮޑަށް އޮޅުވާލުމާއި، މަކަރު ހަދަމުންދާ ކަމުގެ ޝަކުވާ އަޅުގަނޑުމެންގެ މުޖުތަމައުގައި ފެތުރެމުންދާއިރު، ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ މުދަލުގެ ނަމުގައި މި މުޖުތަމައުގައި އެތަކެތި ވިއްކަމުން އަންނަ ވާހަކަ ޚުތުބާގައި ފާހަގަ ކޮށްފައި ވެއެވެ. އަދި އެފަދަ ކަންކަމަކީ މީސްތަކުންގެ މެދުގައި ވިޔަފާރިވެރިންނަށް އޮ ތް އިތުބާރު ގެއްލިގެންދާން މެދުވެރިވާނެ ސަބަބެއް ކަމުގައި ވެސް ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން އެފަދަ ތަކެތި ގަނެ، އެތަކެތީގެ ބޭނުން ނުކުރެވި އެއަށް އެތައް ފައިސާއެއް ޚަރަދު ކޮށްގެން ލިބޭ ގެއްލުމުގެ ސަބަބުން ބައެއް މީހުންނަށް ސިއްހީ ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހޭ ކަމުގައި ވެސް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ. މުދާ ހޯދުމަކީ އިސްލާމުދީނުގައި ޙަރާމް ކުރައްވާފައިވާ ކަމަކަށް ނުވާ އިރު، މުދާ ހޯދުމަށް އިސްލާމް ދީނުގައި ވަނީ ވަކި ގޮތްތަކެއް ކަނޑައަޅުއްވައިފައެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައިވެއެވެ. “ވިޔަފާރި ކުރުން ވަނީ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ”. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ރިބާ ވަނީ ހާމަކަން ބޮޑު ގޮތެއްގައި އާންމު ވެފައެވެ.

އެއް ދުވަހަކު ކީރިތި ނަބިއްޔާ މަދީނާގެ ބާޒާރު މަތީން ގޮދަން ވިއްކަން ބަހައްޓާފައިހުރި ތަނެއްގެ ކައިރިން
ވަޑައިގެންނެވިއެވެ. އެހިނދު އެ ގޮދަންތަކުގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ލެއްވުމުން، ގޮދަންތަކުގެ އަޑީގައި ހުރި ގޮދަނުގައި ތެތްކަން ހުރިކަން އެގިވަޑައިގެންނެވިއެވެ. އެވަގުތު، އެ ގޮދަނުގެ ވެރިޔަކީ ކާކުތޯ ސުވާލު ކުރެއްވިއެވެ. އެ ވަގުތު އެތަނުން މީހަކު ތެދުވެ، އެއީ އޭނާގެ ތަކެތި ކަމުގައި ދެންނެވިއެވެ. އަދި، ގޮދަން ތަކުގައި ފެނުގެ އަސަރު ހުރީ ކީއްވެގެންތޯ ކީރިތި ރަސޫލާ ގެ ސުވާލު ކުރެއްވުމުން، ޖަވާބުގައި އެމީހާ ދެންނެވިއެވެ. ވިއްކަން ބަހައްޓާފައި ހުއްޓާ ވާރޭ ވެހުމުން ތެމުނީއެވެ. ދެން ތެމިފައި ހުރި ގޮދަނުގެ މައްޗަށް ފޮރުވީއެވެ. އެހިނދު މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “އަހަރުމެން މުސްލިމުންނަށް މަކަރު ހަދައިފި މީހާއީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”

ވިޔަފާރިތަކުން ނާޖާއިޒު ގޮތުގައި ފައިދާ ނަގަމުންދާ  އިރު އެކަމާ ބެހޭގޮތުން ވިސްނާލުމަށް ޚުތުބާގައި ވަނީ ގޮވައިލައިފައެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކަށް ނޭދެވޭ އަސަރުތައް ކުރާއިރު، ތިމާގެ ލޯބިވާ އެތައް ބަޔަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، ބޭނުން ޖެހިފައިތިބި އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގައި ޚުތުބާގައި ބުނެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!