މިލަދުއާއި، ބިލަތްދޫ ކައުންސިލް އިދާރާ އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ނ.މިލަދޫއާއި ފ.ބިލަތްދޫ ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި އެ ކައިންސިލްތަކާއެކު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސޮއިކޮށްފިއެވެ.

އެލްޖީއޭގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ނ. މިލަދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު އާއި ފ. ބިލެއްދޫ ކައުންސިލް އިދާރާ ޤާއިމްކުރުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. މި އެއްބަސްވުންތަކުގައި އެލް.ޖީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްތަކުގެ ރައީސުންނެވެ.

މި ބައްދަލުވުމުގައި އެލް.ޖީ.އޭގެ ފަރާތުން ސީ.އީ.އޯ ދެއްކެވި ވާހަކަ ފުޅުގައި މި ދެ ޕްރޮޖެކްޓްގެ މުހިންމުކަން ފާހާގަކުރެއްވައި، ޕްރޮޖެކްޓް އެންމެ އެކެށޭނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެލް.ޖީ.އޭގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމަަށް ވިދާޅުވެފައެވެ. 

މި ބައްދަލުވުމުގައި ފ. ބިލަތްދޫ ކައުންސިލުންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ޕްރޮޖެކްޓަކީ ބިލަތްދޫ ރައްޔިތުން 23 ވަރަކަށް އަހަރުވަންދެން އިންތިޒާތު ކުރަމުންއައި ޕްރޮޖެކްޓެއްކަމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅިގެން ކައުންސިލް އައު އިމާރާތެއްގެ ބޭނުން އިތުރަށް ބޮޑުވެފައިވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނ. މިލަދޫ ކައުންސިލުންގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ނ. މިލަދޫއަކީ ވެސް ކައުންސިލްގެ އައު އިމާރާތަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށެއް ކަމަށާއި، ކައުންސިލްގެ އިދާރާ އަމިއްލަ ފާރާތެއްގެ އިމާރާތުގައި ހިންގަމުން ގެންދާތާ ގާތްގަނޑާކަށް 9 އަހަރު ވެފައިވާކަން ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!