މަގާމުގެ ނުފޫޒު ބޭނުންކޮށް މާލޭއިން ބިމެއް ވިއްކި މައްސަލަ: ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

މާލޭގެ ގޯއްޗެއް ޙައްޤުނޫން ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި، ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު، ނާއިފު ޝައުކަތާއި، އެ މިނިސްޓްރީގެ އެގެޒެކިއުޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދުގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭސީސީން ވިދާޅުވީ، މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ މީހަކަށްކަމަށެވެ. އެ ބިން ވިއްކުމަށް ނިންމާފައިވަނީ  އެ މިނިސްޓްރީގެ ނައިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ) މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަމަށް ތަހުގީގަށް ހާމަވާތީ  އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް މިއަދު ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަަމަށް އޭސީސީން ވިދާޅުވިއެވެ.

އެ ދެމީހުންގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ރަސްމީ ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިޢުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، ޢާތިފާ ޙަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، ޢާތިފާ ޙަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އޭރު ޢަމަލުކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި އެއްގޮތަށް އެބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުންދާތީ ކަމަށްބުނެ، އެ ބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގެޒެކިއުޓިވް ކޯޑިނޭޓަރ، ޙަސަން ވަޙީދު ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުންކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގޭކަމަށް އޭސީސީން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދިއުމުން ޢާތިފާ ޙަސަނަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާއިރު، އެ ބިން ވިއްކަން އިޢުލާނުކުރި އިޢުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ޙަސަން ވަޙީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުޢާމަލާތުތައް ކޮށްފައިވަނީ ޙަސަން ވަޙީދުގެ ބެލުމުގެ ދަށުން، އޭނާ އިސްވެހުރެކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮތްކަމަށެވެ. އަދި ޢާތިފާ ޙަސަނަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދާތީނޫންކަން އޭނާ ޢަމަލުކޮށްފައިވާ ގޮތުންކަން އެނގޭކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

“ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރުމަށްފަހު، އެ އުޞޫލުގައި ބިން ވިއްކުމަށް ޙައްޤުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިޢުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ޙައްޤުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި ޢާތިފާ ޙަސަނާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއްފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭކަމަށްވެސް އޭސީސީއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ދެ ފަރާތުގެެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލާއި ޚިލާފަށްކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި، މި މައްސަލައާ ގުޅިގެން ބަޔާން ދިން ފަރާތްތަކުގެ ބަހުން އެނގެން އޮތްކަމަށް އޭސީސީން ބުންޏެވެ. އެގޮތަށް އެ ދެ ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން އެ އުޞޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްޤުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!