8 ވަނަ ދުވަހު ރަމަޟާންމަހުގެ އެލަވަންސް ދޭނެ: ފިނޭންސް

ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރާނެ ގޮތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގައި ބުނެފައިވަނީ މިއަހަރުގެ ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށެވެ.

ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ. މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު ފައިސާ ދޭންޖެހެނީ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ ސަރކިއުލާގައި ބުނެފައިވަނީ 1 އޭޕްރީލްއިން ފެށިގެން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލް ތައްޔާރުކޮށް ފައިސާ ހޯދުމަށް މިނިސްޓްރީއަށް ހުށައެޅުމަށް އެދޭކަމަށެވެ. ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރގެ “އެކައުންޓްސް ޕޭޔަބަލް މޮޑިއުލް” އަދި “އެޗް.އާރު މޮޑިއުލް” ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާގެ ވައުޗަރުތައް މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ޕޯސްޓް ކުރުމަށްވެސް ފިނޭންސް މިނިސްޓްރީންވަނީ އެދިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!