ސަލްމާން ޚާނާ ރުޅިވި ހަގީގީ ސަބަބު ސޯމީ ކިޔައިދީފި!

ބޮލީވުޑްގެ ނުފޫޒުގަދަ އެކްޓަރު ސަލްމާން ޚާނާ ރުޅިވި ސަބަބު، ކުރީގެ ބަތަލާ ސޯމީ އަލީ ކިޔައިދީފިއެވެ.

ޕާކިސްތާނަށް އުފަން އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސޯމީ، އުމުރުން އެންމެ 16 އަހަރުގައި އިންޑިއާގެ މުމްބާއީއަށް ބަދަލުވީ ސަލްމާން ޚާންދެކެ ލޯބިވެވިވެގެންނެވެ. މުމްބާއީއަށް ގޮސް ސޯމީއަށް އެންމެ ފުރަތަމަ ލިބުނީ މޮޑެލް ކުރުމުގެ މަސައްކަތެވެ. އެއަށްފަހު 1991 އިން ފެށިގެން 1998 އާ ހަމައަށް 10 ވަރަކަށް ބޮލީވުޑް ފިލްމުގައި މަސައްކަތް ކޮށްފައިވެއެވެ. އޭރު ސޯމީ އުޅުނީ ސަލްމާނާ ލޯބީގެ ގޮތުން ގުޅިގެންނެވެ. 1999 ގައި އޭނާ އެނބުރި އެމެރިކާއަށް ދިޔައީ އެ ގުޅުން ނިންމައިލުމަށްފަހުގައެވެ.

ކޮންމެއަކަސް، މިހާރު ސޯމީ ވަނީ ސަލްމާނާ ރުޅިވި ހަގީގީ ސަބަބު ކިޔައިދީފައެވެ. މިހާރު އުމުރުން 45 އަހަރު ފުރިފައިވާ ސޯމީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ސަލްމާނާ ރުޅިވީ ސަލްމާން އޭނާއަށް ބޭވަފާތެރިވުމުން ކަމަށެވެ. އަދި އެދެމީހުން ރައްޓެހިވުމުގެ ކުރިންވެސް ސޯމީ ހުރީ ސަލްމާނާ ހެދި އާވާރާވެފައި ކަމަށާއި، ސަލްމާން ސަންގީތާ ބިޖްލާނީއާ މާ ގާތްކޮށް އުޅޭތީ ހަސަދަވެރިވެގެން އުޅުނު ކަމަށްވެސް ބުންޏެވެ.

“އަހަންނަށް ބައެއް ދުވަސްދުވަހު ފެނޭ ސަލްމާނާ ސަންގީތާ އަތުގުޅުވާލައިގެން ސަލްމާންގެ ގޭގަ ތިބޭތަން. އެމަންޒަރު ފެނުނީމަ އަހަންނަށް ވަރަށް އަސަރުކުރޭ. އޭރު އަހަންނަކީ ސަލްމާނާހެދި މޮޔަވެފަ ހުންނަ ފުރާވަރުގެ ކުއްޖެއް ވީމަ ކަންނޭނގެ، އަހަރެން ބޭނުންވީ އޭނައާ ކައިވެނިކުރަން”، ސޯމީ ބުންޏެވެ.

ސަލްމާން، ސަންގީތާއާ ރުޅިވީވެސް ސޯމީ އެދެމެދަށް ވަނުމުގެ ސަބަބުން ކަމަށް ބުންޏެވެ. އަދި އެއީ ކިތަންމެ ގޯސް ކަމަކަށްވިޔަސް، އޭރު ޅަސިކުނޑިއަށް ނުވިސްނުނީ ކަމަށް ސޯމީ ބުންޏެވެ. “އޭގެ އަހަރެއް ފަހުން އަހަރެމެން ދެމީހުން ރައްޓެހިވީ”.

ނަމަވެސް އެންމެފަހުން ސަލްމާން ސޯމީއަށް ވެސް ބޭވަފާތެރިވީއެވެ. ކުރިން ސޯމީ ދީފައިވާ ބައެއް އިންޓަވިއުތަކުގައި ބުނީ، އެދެމެދަށް ވަނީ އައިޝްވާރިޔާ ރާއީ ކަމަށެވެ. އެކަން ހަގީގަތަކާ ވައްތަރުވަނީ، ހަމަ އެދުވަސްވަރު ސަލްމާނާއި އައިޝްވާރިޔާގެ ގުޅުން ފެށުމުންނެވެ. އެހެންނަމަވެސް ސަލްމާން ވީ ލޯބީގައި ކޮޅުފައިން ޖަހާފައި އައިޝްވާރިޔާ ދިޔުމުން، މިއަދާ ހަމައަށްވެސް ސަލްމާން ހުރީ ކައިވެންޏެއް ނުކޮށެވެ.

މިހާރު ސޯޝަލް އެކްޓިވިސްޓެއްގެ ގޮތުގައި އުޅޭ ސޯމީ ވަނީ އޭނާއާއެކު ފިލްމު ކުޅުނު އެންމެންގެ ކިބައިން ދާދިފަހުން މާފަށް އެދިފައެވެ. އެގޮތުން ސަލްމާން ޚާން، ސުނިލް ޝެޓީ، މިތުން ޗަކްރަބަތީ، ސައިފް އަލީ ޚާން، ޗަންކީ ޕާންޑޭ އަދި ގޯވިންދާ މެންގެ ނަންތައް ކިޔައި، ވަކިވަކިން އެންމެންގެ ކިބައިން މާފަށް އެދިފައި ވެއެވެ.

“އަހަރެން ފިލްމު ކުޅުނީ އެކަމަށް ޝައުގު އޮވެގެންނެއް ނޫން. ހަމައެކަނި ސަލްމާނާ ގާތްވުމުގެ ނިޔަތުގަ. އެހެންވެ ގިނަ ފަހަރަށް ޑައިލޮގްތަކާހެދި އެއްޗެހި ދަސްނުކޮށް ޝޫޓިންގ އަށް ވެސް ދާނީ. މިކަމާހެދި ވަަރަށް ވަގުތު ނަގާނެ އަހަރެން ގޮވައިގެން ފިލްމު ކުޅެން. އެކަމަކު އެންމެންވެސް އަހަންނާ ދޭތެރޭ ވަރަށް ކެތްތެރިކަމާއެކީ ކަންތައް ކުރީ. ހާއްސަކޮށް މިތުން. އޭނައާއެކީ ހަތަރު ފިލްމެއް ކުޅުނިން”.

ސޯމީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި “އަންތު”، “ޔާރް ގައްދާރް”، “އާއޯ ޕިޔާރް ކަރޭ” އަދި “ޗުޕް” ހިމެނެއެވެ. އެހެންނަމަވެސް ސަލްމާނާ ރުޅިވި ހިސާބުން ސޯމީ ވަގުތުން އިންޑިއާ ދޫކޮށް ދިޔައީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!