އައްޑޫ އަދި ފުވައްމުލަކުގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ކައުންސިލުގެ ދަށަށް ބަދަލުކުރަނީ

އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީއަށް އެންވަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމްއަށް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހިމާޔަތް ކުރެވިފައި ހުރި ތަންތަން ކައުންސިލުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށި، މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އައްޑޫ ބަޔޯސްފިއަރ ރިޒާވްއަކަށްވުމާއެކު، މިތަންތަން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ އިންތިޒާމެއް އެކުލަވާލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިތަންތަނަކީ ޤާނޫނީ ގޮތުން ހިމާޔަތް ކުރެވިފައިވާ ތަންތަނަށް ވީހިނދު އެންވަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އަދި ސިޓީ ކައުންސިލުގެ ޒިންމާތައް ކަނޑައަޅަންޖެހޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ފަންނީ ފެންވަރުގައި ވާހަކަ ދައްކައިގެން ވެވޭ އެއްބަސްވުންތަކެއްގެ މަތިން މިކަން ކުރިއަށް ގެންދެވޭނީ. ހަމައެކަނި އައްޑޫގައި ނޫން. ފުވައްމުލަކުގައިވެސް އަޅުގަނޑުމެން މިކަން މިމަގަށް ކުރިއަށް ގެންދާނަން. އެހެންވީމަ އެގޮތުން ވާހަކަތަކެއް މިދެކެވެނީ. މިވާހަކަތައް ކުރިންވެސް ވާޗުއަލްކޮށް އޮތީ ދެކެވިފަ. އެހެންވީމަ އައްޑޫއަށް އަންނަ މިކަހަލަ ފުރުސަތެއްގައި ފޭސްޓު ފޭސްކޮށް ވެސް މިވާހަކަ ދައްކާލަން ފުރުސަތު ލިބިގެން މިދިޔައީ” މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގެ ހިމާޔަތަ ކުރެއްވިފައިވާ ސަރަހައްދުތަކަށް މިނިސްޓަރ ވަނީ ޒިޔާރަތް ކުރައްވާ އެތަންތަން ބައްލަވާ ލައްވާފައެވެ. އައްޑޫގެ ނޭޗަރޕާކްގެ ކަންކަން ބެލެހެއްޓުމަށް އެންވަރޮމެންޓް މިނިސްޓްރީ އާއި އީޕީއޭ އަދި ކައުންސިލް ހިމެނޭ ގޮތަށް ވެޓްލޭންޑް އެޑްވައިޒަރީ ބޯޑެއް ވަނީ ޤާއިމުކުރެވިފައެވެ.

އައްޑޫގައި ހިމާޔަތް ކުރެވިފައިވާ 6 ސަރަހައްދެއް އައްޑޫސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!