އުދައްޔުގެ މަރު: 2 މީހަކާއި ކުޑަަކުއްޖަކަށް ދައުވާ ކޮށްފި

ގއ. މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ހިނގާދިޔަ މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ހަތަރު މީހަކަށް ދައުވާ ކުރަން ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

ޕީޖީން މައުލޫމާތު ދިން ގޮތުގައި މާމެންދޫގައި އުމުރުން 17 އަހަރުގެ ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި ދައުވާ ކުރުމަށް ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް މައްސަލަަ ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

މި މައްސަލައިގައި 18 އަހަރުން މަތީގެ ތިން މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކަށް ދައުވާ ކުރަން ވަނީ ފޮނުވާފައެވެ. އެގޮތުން މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

މި ތިން މީހުންނަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އޭގެތެރއިން ފުރަތަމަ ދައުވާ އަކީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ) އާއި، (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މި ތިން މީހުނަށް ކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކުރާ 18 އަހަރުން ދަށުގެ ކުއްޖާއަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކުރުމަށް ޖުވަނައިލް ކޯޓަށް ހުށަހަޅާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. 

މާމެންދޫގައި މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު ހިނގާދިޔަ މާރާމާރީގައި މަރުވި އުދައްޔުގެ މަރުގެ މައްސަލާގައި ފުލުހުން ފަސް މީހަކު ހައްޔަރު ކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!