ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރޯދަ މަހާ ދިމާކޮށް ލުއިދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން އަޅާފައިވާ ފިޔަޅުތައް އަހަރު ދުވަހަށް ދިގު ދެމިގެން ދިއުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ވަޒީފާ ގެއްލި މަސްވެރިކަމުންނާއި، ދަނޑުވެރިކަމުން އާމްދަނީ ހޯދަމުން އައި އާއިލާތައް ބިކަވެފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ފުޅާދާއިރާއެއްގައި މެމްބަރުން ބަހުސްކުރައްވައި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ހިތްދަތި މައްސަލަ އަވަހަށް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށްވެސް ޖާބިރުގެ މައްސަލައިގައި އެދިވަޑައިގެންނެވި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 33 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އޭގެ ތެރެއިން އެކަކީ، މައްސަލަ ހުށަހަޅުއްވި ޖާބިރެވެ.
އެ މައްސަލަ ބަލައި ގަންނަން 12 ވޯޓު ބޭނުންވާއިރު އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވިއެވެ.