މާފަންނު ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

މާލެ ސިޓީ ވެސްޓް ޕާކް ހިމެނޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގެ އައު އިމާރާތް ހުޅުއްވައިދެއްވީ  ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއިފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް ބައެއް އޮފިސަރުންނާއި މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމައުއެއްގެ ތެރޭގައި  ހަމަޖެހުމާއި މަސްލަހަތު ގާއިމްކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ލޮބުވެތި އެންމެ ޝަރަފްވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ދުވަހުން މަސައްކަތްކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތުތަކާއެކުކަމަށްވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއްކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއްކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމާއި ކުލުނާ އިހުތިރާމާއެކު ހިދުމަތް ފޯރުކޮށްދިނުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތާއި ޒިންމާކަމަށް ވިދާޅުވިއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން  ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިންގގައެވެ. މާފަންނު ޕޮލިސް އައު އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!