ހިޔާ ފްލެޓްގެ ފުލުހުންނާއި ސިފައިންގެ ކެޓަގަރީއެއް އުވައެއް ނުލާނަން: މާރިޔާ

ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނާއި ސިފައިންނަށް ފުލެޓް ލިބުނު ކެޓަގަރީ އުވާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދޮގު ކުރައްވައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓުން ފުލުހުންނާއި ސިފައިންނަށް ކަނޑައަޅާފައިވާ ފްލެޓްތައް ސަރުކާރަށް ނަގަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް ‘އާއްމު އެކުވެރިންގެ ގުޅުން’ ޖަމުޢިއްޔާއިން ނެރެފައިވާ ބަޔާނަށް ރައްދުދެއްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ސިފައިންނަށް ދިނުމަށް ކަނޑައަޅާފައިވާ 300 ފްލެޓަށް އެދި ހުށަހެޅި ފޯރމްތައް ދިރާސާކޮށް ނިމިފައިވާ ކަމަށެވެ. މިކަން ސިފައިންނަށް އެނގޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، ފުލުހުންނާއި ސިފައިންނަށް ކަނޑައަޅާފައިވާ ފްލެޓްތައް ސަރުކަރަށް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި މިފަދަ ދޮގުވާހަކަތައް ފަތުރާ މީހުންގެ އޮތީ ހަމަ އެންމެ މަގްސަދެއް ކަމަށެވެ. އެއީ ސަރުކަރާ މެދު ރައްޔިތުންގެ ހިތުގައި ނުތަނަވަސް ކަމާއި ނުރުހުން އުފެއްދުން ކަމަށެވެ.

އާންމު އެކުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ވަނީ، ހިޔާ ފްލެޓުން ފުލުހުންނަށް ކަނޑައެޅި 300 ފްލެޓާއި ސިފައިންނަށް ހާއްސަކުރި 300 ފްލެޓާއެކު މުޅި ޖުމްލަ 600 ފްލެޓު، ސަރުކާރަށް ނަަގައި އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ އަދި އެކަމުގެ ކަންބޮޑުވުން އެ ޖަމްއިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނާއި ސިފައިން ހިއްސާ ކޮށްފައިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އަންނަނީ އިމާރާތްކުރަމުންނެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!