އެމްޕީއެލްގައި ހިނގި ނުރައްކާތެރި ދެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަނީ

އެމްޕީއެލްގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އިހުމާލުވި ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ނިންމި ގޮތަށް ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 26 މެމްބަރުންގެ ވޯޓުންނެވެ.

އެމްޕީއެލްގައި މިއަހަރު ހިނގި ނުރައްކާތެރި ދެ ހާދިސާގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެންމެ ފުރަތަމަ ހާދިސާ ހިނގީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރެން އުޅުމުގެ ތެރޭގައި އަނިޔާވި ނ. ލަންދޫއަށް އުފަން 27 އަހަރުގެ އަބްދުﷲ އާސިމް މަރުވި ހާދިސާ އެވެ. ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އާސިމް މަރުވިތާ މަސް ދުވަސް ނުވަނީސް، އެމްޕީއެލްގެ ކެރޭނަކުން ސަޕްލައި ދޯންޏަކަށް ބަރުކުރަމުންދިޔަ ކާޕެޓް ރޯލެއް، ދަށުވެ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ ވަނީ މަރުވެފަ އެވެ. މި ހާދިސާތަކުގައި އިހުމާލުވުންތަކެއް ހުރިކަމަށް ބުނެ އެމްޕީއެލްއިން ވެސް އެތަނުގެ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށްފައިވެއެވެ.

އެމްޕީއެލްގައި ހިނގި ހާދިސާތައް އެސްއޯއީ ކޮމިޓީން ބަލައި ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދަންނަވާ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުމަށެވެ.

މި ހާދިސާއާއި ގުޅިގެން ކޮމިޓީއަށް ޙާޒިރުކުރުމުން ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލައި ކޮމިޓީގެ ރިޕޯޓްގައި ވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރުމަށް ހަދަންޖެހޭ އެސްއޯޕީތައް މިހާތަަނަށްވެސް ހަދާފައި ނުވާކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ރިސްކް އެސެސްމަންޓެއް ހަދަންޖެހޭއިރު، އެވެސް ހަދާފައި ނުވުމާއި، ޗެކްލިސްޓްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މަޖޫރީން ބަނދަރުގައި މަސައްކަތްކުރާނެ ގައިޑްލައިނެއްވެސް އެކުލަވާލާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައްވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!