ސުޝާންތަށްޓަކައި އަންކިތާ ދޫކޮށްލި ވަރުގަދަ ފިލްމުތަކުގެ ވާހަކަ

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ލިބުނު ގިނަ ފިލްމުތަކެއް ދޫކޮށްލިކަމަށް އަންކިތާ ލޯކަންޑޭ ބުނެފިއެވެ.

ސުޝާންތާއި އަންކިތާ ދިމާވެ ލޯބިވެވުނީ 2009 ވަނަ އަހަރު ޒީޓީވީއިން ދައްކަންފެށި ކާމިޔާބު ޑްރާމާ ސިލްސިލާ “ޕަވިތުރަ ރިޝްތާ” ގެ ތެރެއިންނެވެ. އޭގެފަހުން 8 ވަރަކަށް އަހަރު އެކުގައި އުޅުމަށްފަހު ސުޝާންތު އަންކިތާއާ ރުޅިވީ އެކްޓިންގ ކެރިއަށް އިސްކަން ދޭން ކަމަށްބުނެއެވެ. އޭރު ސުޝާންތަކީ ބޮލީވުޑްގައި ފިޔަޖަމުން ދިޔަ ތަރިއެކެވެ. އަންކިތާ އޭރުވެސް ހުރީ ޓީވީ ތަރިއެއްގެ މަޤާމުގައެވެ.

އެހެންނަމަވެސް، ސުޝާންތާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު އަންކިތާއަށް ވެސް ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުނުކަމަށާއި، އެހެންނަމަވެސް އެ ފިލްމުތަކަށް އިންކާރުކުރީ ލޯބިވެރިޔާގެ ޙައްޤުގައި ކަމަށް 36 އަހަރުގެ ބަތަލާ ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ ހާމަކޮށްފައެވެ.

އަންކިތާ ބުނިގޮތުގައި، އޭނާ އޭރު ބޭނުންވީ ސުޝާންތު މީހަކަށް ހަދައިގެން، ވީހާވެސް އަވަހަށް ކައިވެނިކުރަން ކަމަށެވެ. އެކަމާހެދި، ލިބުނު ހުރިހާ ފުރުސަތުތަކަކަށް އިންކާރު ކުރީ ކަމަށް ބުންޏެވެ.

އަންކިތާއަށް ހުށަހެޅުނު ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާން ކުޅެފައިވާ “ހެޕީ ނިއު އިޔާ” އާއި، ސަންޖޭ ލީލާ ބަންސާލީގެ “ބާޖީރާއޯ މަސްތާނީ” އާއި، ސަލްމާން ޚާންގެ “ސުލްތާން” ހިމެނޭކަމަށް އޭނާ ބުނެއެވެ.

“އަހަންނާ ޝާހްރުކް ދިމާވެގެން ބުނި، އަހަންނަށް އެންމެ ރަނގަޅު އަލަތު ފިލްމެއް ދޭނަމޭ. އެކަމަކު އަހަރެން ބޭނުންވީ ސުޝާންތަށް ރަނގަޅު ގޮތް ވާން، އޭނާގެ ކައިރީ ހުންނަން”. އަންކިތާ ކިޔައިދިނެވެ.

މީގެ އިތުރުން، “ބަދްލާޕޫރް” ފިލްމުން ޖާގައެއް ދޭން ވަރުން ދަވަން ވެސް ގުޅިކަމަށް އަންކިތާ ބުންޏެވެ.

އަންކިތާ އެންމެފަހުން ބޮލީވުޑަށް ނުކުތީ 2019 ވަނަ އަހަރު، ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅުނު “މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ” އިންނެވެ. އެއަށްފަހު، “ޗަޕާކް” އާއި “ބާގީ 3” އިން ވެސް އަންކިތާ ފެނިފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!