އިކްރާމަށް ފިޔަވަޅު އަޅަން އޭސީސީއަށް އަންގަން ފާސްކޮށްފި

މޯލްޑިވް ގޭސްއަށް ބާ ސިލިންޑަރުތަކެއް ގެނައި މައްސަލައިގައި މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި އޭރު ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަލީއަށް އޭސީސީން ފިޔަޅު އެޅުމަށް އަންގަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ، މިއަދު އެސްއޯއީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައެވެ. އެ ކޮމިޓީން މިއަދު ނިންމީ އިކްރާމާ އެކު އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްސަލަ ވީ އެންމެ އަވަހަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައި ފިޔަވަޅު އަޅަން އެންގުމަށެވެ.

ސިލިންޑަރުތައް ގަތް ދުވަސްވަރު މޯލްޑިވް ގޭސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އިކްރާމް ވަނީ ޕްރޯބިޒް ކުންފުނީގެ ހަރަދުގައި ސިންގަޕޫރަށް ދަތުރުކުރެއްވި ކަމަށް އެސްއޯއީ ކޮމިޓީގައި އެއްބަސްވެވަޑައިގެންފައެވެ. އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮވިޑާ ގުޅިގެން މޯލްޑިވް ގޭސް އިން 4218 އޮކްސިޖަން ސިލިންޑަރު ގެނެސްފައި ވާއިރު، އޭގެތެރެއިން 1000 ސިލިންޑަރު އެންމެ ފުރަތަމަ ގެނައީ ސިންގަޕޫރުގެ އޭއެންޖީ ކުންފުނިން އަދި ބާކީ 3218 ސިލިންޑަރު ގެނައީ ސިންގަޕޫރުގެ ޕްރޯބިޒް ކުންފުނިންނެވެ. އާ ސިލިންޑަރުތަކަކަށް އޯޑަރު ކުރި ނަމަވެސް އެ ދެ ކުންފުނިން ވެސް ފޮނުވީ ބާ ސިލިންޑަރުތަކެކެވެ. އޭގެ ތެރެއިން ޕްރޯބިޒްގެ ސިލިންޑަރުތަކުން ބަދަލު ހޯދުމަށް މޯލްޑިވް ގޭސްއިން މަސައްކަތް ކުރި ނަމަވެސް އޭއެންޖީން ފޮނުވި ސިލިންޑަރުތަކުން ބަދަލު ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށް އެސްއޯއީ ކޮމެޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ފާހަގަކުރައްވާފައެވެ.

ގޭސް ސިލިންޑަރުތައް ގަންނަން އޭއެންޖީ ކުންފުންޏަށް 253،000 ޑޮލަރު އަދި ޕްރޯބިޒްއަށް 702،099 ޑޮލަރު ހަރަދުކޮށް ޖުމްލަ 955،099 ޑޮލަރު ހޭދަކޮށްފައި ވެއެވެ. އަދި 300 ސިލިންޑަރު ޓެސްޓް ކުރުމަށާއި އެތަކެތި ލަންކާއަށް ފޮނުވުމަށް ޖުމްލަ 15،038 ޑޮަލަރު މޯލްޑިވް ގޭސްއިން ހަރަދު ކޮށްފައި ވެއެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އެއްވެސް ސިލިންޑަރެއް ހައިޑްރޯ ސްޓެޓިކް ސިލިންޑަރު ޓެސްޓްތައް ހަދައި އޭގެ ކޮލެޓީ ބަލައި ޔަގީން ކުރުމަށް ފަހު ނޫނީ ބޭނުން ނުކުރަން މޯލްޑިވް ގޭސްއަށް އަންގާފައެވެ. މޯލްޑިވް ގޭސްގެ ގުދަނުގައި 2428 ސިލިންޑަރު ޓެސްޓް ނުކޮށް އަދިވެސް އެބައޮތެވެ. އެހެންކަމުން ޓެސްޓްތައް ހެދުމަށް ފަހު ނޫނީ ސިލިންޑަރުތައް ބޭނުން ނުކުރަން މޯލްޑިވް ގޭސްއަށް އެންގުމަށް މިއަދު ކޮމެޓީން ފާސްކުރިއެވެ. މީގެ އިތުރުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މި މައްސަލައަށް މޯލްޑިވް ގޭސްގެ ބޯޑުން ފިޔަވަޅެއް އަޅާފައި ނުވާތީ ދެން އެފަދަ މައްސަލަތަކުގައި ބޯޑުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން އެންގުމަށް ވެސް މިއަދު ކޮމެޓީން ފާސްކުރިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!