ކޮވިޑާ ގުޅިގެން ކުރި ހަރަދު 3.2 ބިލިއަނަށް

ކޮވިޑް-19 އާ ގުޅުންހުރި އެކި މަސައްކަތްތަކަށް ސަރުކާރުން 3.2 ބިލިއަނަށް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މަރޗް 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19 އިކޮނޮމިކް ރެސްޕޮންސްގެ ދަށުން 1.7 ބިލިއަން ރުފިޔާއާއި ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް އެންމެ ބޮޑު ޚަރަދެއް މިހާތަނަށް ކޮށްފައިވާއިރު، އެ އިދާރާއިން އެކަނިވެސް 867.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 96 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 383.2 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން ކުރަމުން އަންނަ ޚަރަދުތަކުގެ ތެރެއިން ޕްލޭނިން މިނިސްޓްރީން ވަނީ 37.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ފޮރިން މިނިސްޓްރީ އިން 6.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޖެންޑަރ މިނިސްޓްރީ އިން ޚަރަދުކޮށްފައި ވަނީ 3.7 މިލިއަން ރުފިޔާއެވެ. އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އޭގެ އިތުރުން އެމްއެންޑީއެފްއިން 67.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ޚަރަދުކޮށްފައި ވަނީ 31.1 މިލިއަން ރުފިޔާއެވެ. އިމިގްރޭޝަން މެދުވެރިކޮށް ނުވަ ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ނެޝަނަލް ޑްރަގް އެޖެންސީން 1.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން މިހާތަނަށް 84.06 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން ޚަރަދުކޮށްފައި ވަނީ 28.7 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ސިއްޙީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކުއިސިޓްސްއަށް 662 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ކެޕިޓަލް އިކުއިޕްމެންޓްއަށް 201.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ޚަރަދުކޮށްފައި ވަނީ 188.2 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރެއިން ގްރާންޓްސް ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސްއަށް ހޭދަކޮށްފައި ވަނީ 125 މިލިއަން ރުފިޔާއެވެ. ސަޕްލައިސް އަދި ރިކުއިސިޓްސްއަށް 94.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހޭދަކޮށްފައި ވަނީ 128.8 މިލިއަން ރުފިޔާއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!