ފޮޓޯ: ރާއްޖެ އެމްވީ

ފެނަކައަށް 17.8 މިލިޔަ ރުފިޔާ ދައްކަން ޝަރޫގެ މައްޗަށް ހުކުމްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން “ޝަރޫ ލޯންޗް” އަށް ދިން ފައިސާ 03 މަސް ދުވަސް ތެރޭގައި ދެއްކުމަށް ހުކުމްކޮށް، އަދި މި މުޢާމަލާތަށް ފެނަކައިގެ އޭރުގެ އިސްފަރާތްތަކުން ޒިންމާވާންޖެހޭ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާރވިސަސް އަށް ދޫކުރި 17.857,979.10 ރުފިޔާ، ފެނަކަ އަށް އަނބުރާ ދެއްކުމަށް ޝަރޫ ލޯންޗު ސާރވިސަސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު: 2017/Cv-C/86 ޤަޟިއްޔާއިން 22 އޮގަސްޓް 2017 ގައި ކޮށްފައިވާ ހުކުމް، ޝަރުޢީ އަދި ޤާނޫނީ އުސޫލުކަތާއި ޙިލާފްކަމަށްދެކޭބައި ފެނަކައިގެ ފަރާތުން 31 މާރޗް 2018 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އެގޮތުން ސިވިލްކޯޓުގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިވަނީ، ދަށުކޯޓުގައި ފެނަކައިން ޝަރުގެ މައްޗަށް ދައުވާކުރިއިރު، ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފައިވަނީ، ޝަރޫލޯންޝްގެ ސާރވިސް އާއި އެ ފަރުދީ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށެވެ.

ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރައްވާފައިވަނީ އެފައިސާއަށް ޝަރޫ ލޯންޗް ސާރވިސަސްގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ހުރި މުހިންމު ނުކުތާތައް:

1- ޝަރޫ ލޯންޗް ޝާރވިސަސް އަކީ ޑޮލަރު ގަނެ ވިއްކުމުގެ ހުއް ނެތް ކުންފުންޏެއްކަން.

2- ޝަރޫ ލޯންޗް ސާރވިސަސް އިން ފެނަކަ ކޯޕަރޭޝަނަށް ޑޮލަރު ގަނެދިނުމަށް އެއްބަސްވެ އެއަދަދަށް ދިވެހިފައިސާ ނަގައި އެއްބަސްވެފައިވާ ގޮތުގެމަތިން ޑޮލަރު ވިއްކާފައިނުވާތީވެ، އަދި ޑޮލަރު ގަތުމަށް ދިން ދިވެހި ރުފިޔާވެސް ފެނަކަ ކޯޕަރޭޝަނަށް އަނބުރާ ރައްދުކޮށްފައި ނުވާތީ، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ) އާއި (ނ) އަށް ރިއާޔަތްކޮށް މި މުޢާމަލާތުގައި ޝަރޫ ލޯންޗް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ފަރުދީ ހައިޞިއްޔަތުން މި ފައިސާ އަށް ޒިންމާ އުފުލަންޖެހޭނެކަން ކަނޑައަޅުއްވާފައިވެއެވެ.

3- ޙިއްޞާދާރުންނާއި ޑިރެކްޓަރުންނަކީ،
3.1. މުޙައްމަދު މުޝްތާޤު / ދަފްތަރު ނަންބަރު 1231، މާލެ
3.2. ޞަބާޙް އަހްމަދު / ބ.ތުޅާދޫ / ކަންމަތީގެ،
3.3. ޝަރުމީލާ ޒުބައިރު / ސ.މަރަދޫފޭދޫ،

4- އެގޮތުން 17,857,979.10 ރުފިޔާ، 21 މަރޗް 2021 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރު އެމަހަކު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ދައްކައި ހަލާސްކުރުމަށް 03 ޑިރެކްޓަރުންގެ މައްޗަށް އަންގާ އަމުރު ކުރީ ހައިކޯޓުން މި މައްސަލަ ބެލި 03 ފަނޑިޔާރުންގެ އިއްތިފާޤުން.

4.1. ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ؛

– ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާ – ރިޔާސަތު

– ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް

– ފަނޑިޔާރު މުޙައްމަދު ނިޔާޒު

ފެނަކައިގެ އޭރުގެ ވެރިން މި މުޢާމަލާތަށް ޒިންމާ އުފުލަންޖެހޭ މި މައްސަލައިގައި ފަނޑިޔާރު ނިޔާޒު ވަނީ އޭނާގެ ރައުޔުގައި އިތުރު ނުކުތާތަކެއް ހިމަނާފައެވެ.

5- ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޑޮލަރު ގަތުމަށްޓަކައި ޝަރޫ ލޯންޗް ސާރވިސަސްއަށް ފައިސާ ދޫކުރިއިރުވެސް ޝަރޫ ލޯންޗް ޝަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ޤާނޫނީ ގޮތުން ލިބިދީފައިވާ ފަރާތެއް ނޫނެވެ.

6- އެހެން ކަމުން މިކަން މިގޮތުގެ މަތިން ހުރިއިރުގައިވެސް، ޝަރޫ ލޯންޗް ޝާރވިސަސް އަށް ޑޮލަރު ގަތުމަށް ފައިސާ ދޫކުރަން ނިންމުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އޭރު އަމަލުކޮށްފައިވަނީ ކުންފުނީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުންފުންޏާއި ބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން ތަބާވާންޖެހޭ ފަންނީ އަސާސީ ބައެއް އުސޫލުތަކަށް ތަބާގެން ނޫންކަން އިނގޭކަމެވެ.

7- އެހެންކަމުން ޝަރޫ ލޯންޗު ސާރވިސަސް އަކީ ޤާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާއި ނުލައި، ޝަރޫ ލޯންޗު ސާރވިސަސްގެ އަތުން ޑޮލަރު ގަތުމަށް ނިންމި ބަޔަކު އެ ވަނީ ޤާނޫނީ ގޮތުން ހުއްދަ ނޫން މުޢާމަލާތެއްގެ ތެރެއަށް ވަދެފައެވެ.

8- މިހާލަތުގައި އެ މުޢާމަލާތެއްގެ ތެރެއަށް ވަތްބަޔަކު ޤާނޫނީ ގޮތުން އިހުމާލުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޒިންމާ ކުރެވެން ޖެހޭކަމަށް ހުކުމުގައި ވެއެވެ.

9- އަދި މި ބާވަތުގެ އަމަލުތަކަށް ދެން ތިބީންނަށް އިބުރަތަކަށް ވާ ފަދަ ފިޔަވަޅުތަކެއް އެޅި، އެ ބަޔަކު ޒިންމާ ނުކުރެވި ދޫވެގެންދާ ގޮތަކަށް އޮވެއްޖެ ނަމަ މި ބާވަތުގެ ކަންކަން އަބަދުވެސް ދާނީ ދައުރުވަމުންދާ ވިޔަފާރިއަށްކަމާއި އެއީ ހުއްޓުވަން ޖެހޭ އަދި ޒިންމާ ކުރުވަންޖެހޭނެ ކަންކަމެއްކަމާއި އެހެނީ އާޚިރުގައި މިކަންކަމުގެ ހަގީގީ ގެއްލުމާއި ބުރަ ތަހައްމަލުކުރާ ބަޔަކަށް ވެގެންދާނީ ޓެކްސް ދައްކަންޖެހޭ ރައްޔިތުންކަންވެސް ވަނީ ހުކުމުގައި ފާހަގަ ކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!