ނަދީމްގެ މަރުގެ މައްސަލައިގައި ދިފާއީ ދެ ހެކީންގެ ހެކިބަސް ނަގައިފި

 ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) 23 އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލައިގައި، ދިފާއުން ހުށަހަޅާފައިވާ ދެ ހެކީން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގައިފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމަކީ، ނަދީމުގެ މަރާލި މައްސަލައިގައި، ދިފާއީ ހެކިންގެ ހެކިބަސްނެގުމަށާއި، ބަންދު މުރާޖާކުރުމަށް ބޭއްވުނު އަޑުއެހުމެކެވެ.

ނަދީމް މަރާލާފައިވާ މައްސަލައިގައި، ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

މި އަދުގެ އަޑުއެހުމުގައި، ހެކިބަސް ނަގާފައިވަނީ, މި މައްސަލައިގައި ތުހުމަތުކުރެވޭ ހުސައިން ޝާމިން، ހާދިސާ ހިނގި ވަގުތު، އެތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރުމަށް ހުށަހަޅާފައިވާ ދެ ހެކީންގެ ހެކިބަހެވެ.

އެންމެ ފުރަތަމަ ހެކިބަސްދިން މީހާ ބުނެފައިވަނީ، ނަދީމް މަރާލި ދުވަހު، ދެ ފަހަރު ޝާމިންއާ ބައްދަލުވި ކަމަށެވެ. އަދި އެންމެ ފުރަތަމަ ބައްދަލުވީ ކެފޭއެއްގައި ކާން ނުވަތަ ކޮފީއެއް ބޯން އިންދާ ކަމަށާއި، އެ ދުވަހު މެންދުރު 2:30 ހާއިރު، ޝާމިންގެ ދައްތައެއްގެ ގެއަށް ގެންގޮސްދޭން ދިޔައީ ވެސް އޭނާ ކަމަށެވެ. އޭގެ ފަހުން އެދުވަހުގެ ހަވީރު 4:15 ހާއިރު ޝާމިން އަލުން އެ ކެފޭއަށް ގެނެސްދިން ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޝާމީން ކެފޭއަށް ގެނެސްދިނުމަށް ފަހު، ހެކިވެރިޔާ އެތަނުން ދިޔައީކަމަށެވެ.

މި މައްސަލައިގައި ދިފާއުގެ ފަރާތުން ހުށަހެޅި ދެވަނަ ހެކިވެރިޔާ ބުނެފައިވަނީ، މެންދުރުފަހު 1:00 ހާއިރު ކެފޭއެއްގައި އިތުރު ބަޔަކާއެކު އިންދާ، އެތަނަށް ޝާމިން އައި ކަމަށާއި، 2:30 އެހާއިރު ޝާމިން އެތަނުން ދިޔަކަމަށެވެ. އަދި އޭގެ ފަހުން ޝާމިން އެނބުރި ކެފޭއަށް އައީ އަޞްރު ނަމާދުގެ ފަހުން 4:00 ހާއިރު ކަމަށާއި، އިރު އޮއްސި 7 ޖަހަންދެން، އެ ރެސްޓޯރެންޓުގައި އޭނާއާ އެކު އިންކަމަށެވެ. އަދި 7 ޖެހުމުން ޝާމިން ވެސް އެތަނުން ދިޔަކަމަށާއި، ހެކިވެރިޔާ ވެސް އެތަނުން ދިޔައީ އެހާއިރު ކަމަށެވެ.

މީގެ އިތުރުން ޝަރީއަތުން ހޯމަދުވަހު ބޭއްވި އަޑު އެހުމުގައި، މި މައްސަލައިގައި ދައުވާ ރައްދުވާ ފަރާތްތަކުގެ ބަންދުވަނީ ދަމަހައްޓާފައެވެ. އެހެން ނަމަވެސް، ދިފާއުން އެދުނު ގޮތަށް، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ބަންދުގައި ޖަލުގައި ތިބޭއިރު، ދެވޭނެ ލުއި ތަކަކީ ކޮބައިތޯ ބެލުމަށްފަހު، ލުއި ދެވެން އޮތްނަމަ އެކަން ދައުލަތުން އެކަން ހަމަޖައްސައިދިނުމަށް ޝަރީއަތުން އެދިފައިވެއެވެ.

މި މައްސަލައިގައި ދެން ބޭއްވޭ އަޑުއެހުމެއްގައި އޮންނާނީ ވެސް، ދިފާއުގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނެގުން ކަމަށް ޝަރީއަތުގެ ފަރާތުން ބުނެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!