ފޮޓޯ: ގޫގުލް

ކާޑުގެ ބާވަތްތައް ގަންނަން އެސްޓީއޯ އަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި

ކާޑުގެ ބާވަތްތަކާއި ބޭސް ގަތުމަށް އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކަށް އަނެއްކާ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފި އެވެ.

މިދިޔަ ޖެނުއަރީ މަހު އެ ކުންފުނިން މި ލޯނު ނަގާފައިވަނީ ހޮންކޮންގް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މާލޭގެ ބްރާންޗުންނެވެ.

މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯ އިން މެޑިކަލް އިކުއިޕްމެންޓާއި ބޭހާއި ކާބޯތަކެތި ގަތުމަށް ނެގި ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ އޮތީ ދީފަ އެވެ. އެ ފަހަރު ސޮވެރިން ގެރެންޓީ ދިނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ލޯނަކަށެވެ. އަދި އެސްޓީއޯ އިން ތެޔޮ ގަތުމަށް އައިޓީއެފްސީން ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާގެ ލޯނަށް ވެސް މިދިޔަ އަހަރު ސަރުކާރުން ގެރެންޓީ ދިނެވެ.

ކާޑުގެ ބާވަތްތައް ގަތުމަށް، ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނިން ލޯނު ނަގާފައިވާ އިރު، އެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދެ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން މިދިޔަ އަހަރު 338 މިލިއަން ރުފިޔާ ސަރުކާރުން ދިނެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެކަމަށް 365 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ފަސް ލޯނަކަށް ސޮވެރިން ގެރެންޓީދީފައިވެ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!