އިދިކޮޅުން އެމްޑީޕީގެ ލޯގޯ އާއި ކުލަ ބޭނުންކުރާ މައްސަލަ ބަލައިދޭން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލޯގޯ އާއި ކުލަ، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން ގެންދާ މައްސަލަ ބަލައިދޭން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީގެ ލޯގޯ އާއި ކުލަ، އިދިކޮޅުން ބޭނުންކުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން ބުނީ ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުގައި، އެމްޑީޕީގެ ލޯގޯއާއި ކުލަ، ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ވޯޓު ހޯދުމަށް މަސައްކަތްކުރާކުރުމަކީ އެ ޕާޓީން ހިންގާ ގައިރުގާނޫނީ އަދި ދަށުދަރަޖައިގެ އަމަލެއްކަމަށް ދެކޭ ކަމަށް ވެސް ބުނެ އެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެކޭ އެއްފަދައިން، ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީން ވާދަކުރަނީ ކޯލިޝަނަކާ ނުލައި، މި ޕާޓީގެ ނަމުގައި އެކަނި ކަމަށާއި އަދި ޕީޕީއެމް އާއި ޕީއެންސީ އަކީ ކައުންސިލް އިންތިހާބުގައި އެޕާޓީގެ ވާދަވެރި ފަރާތްތައް ކަމަށް ބުނެ އެެވެ.

އެހެންކަމުން އެމްޑީޕީގެ ލޯގޯއާއި ކުލަ ޕީޕީއެމްގެ ލޯގޯއާ އެއްކޮށްގެން އިދިކޮޅުން ކެމްޕޭންކުރަމުންދާ ދިއުން ވަގުތުން ހުއްޓައިލުމަށް ވަނީ ގޮވާލާފަ އެވެ. އަދި ގާނޫނާ ހިލާފަށް އެމްޑީޕީގެ ލޯގޯއާއި ކުލަ ބޭނުންކުރާ މައްސަލަ ބަލައިދީ ފިޔަވަޅު އެޅުމަށް ވެސް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!