ގައިދީންނަށް މަޢާފް ދިނުމަށް ދެންނެވުމަށް ކޮމިޓީން ފާސްކޮށްފި

ހިންމަފުށި އައްސޭރި ޖަލުގައި ތިބި އަޚްލާގު ރަނގަޅު ޤައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، ޚާއްސަ އުސޫލެއްގެ ދަށުން، އެފަދަ މީހުންނަށް މަޢާފު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާސްކޮށްފިއެވެ.

އައްސޭރި ޖަލުގައި ތިބި ޤައިދީންނާގުޅޭ ކަންބޮޑުވުންތަކެއް ބަޔާންކޮށް ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ދިރާސާކޮށް އެކޮމިޓިން ނިންމިގޮތުގެ ރިޕޯޓްގައި ވަނީ 13 ކަމެއް ހިމަނާފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކުރި ރިޕޯޓްގައިވަނީ، ކުށްކުރާ މީހުންނަކީ ޖަލުގައި ބަންދުކޮށް މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، ކުދިކުދި ކުށްކުރާ މީހުން “ނޮން ކަސްޑޯޑިއަލް ސެންޓެންސް” ގެ ދަށުން، މުޖުތަމައަށް ބޭނުންތެރި ޚިދުމަތެއް ކުރުމަށްފަހު އެކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ރިޕޯޓްގައިވެއެވެ.

ކޮމިޓީ ރިޕޯޓްގައި ޖަލު ތަކުން މަސްތުވާތަކެއްޗާއި، މަސްތުވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިއްމު ކަމަށްވެސް ބަޔާންކުރެއެވެ.

އަދި ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި، ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީއެންމެ އަވަހަކަށް ގެނައުމަށްވެސް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!