ދަރިފުޅުގެ ކަންކަން އެހެން މީހަކާ ހަވާލުކުރާ ހިތެއް ނުވޭ: އައިޝްވާރިޔާ

މުއްސަނދިން ވެއްޖިއްޔާ، އެމީހުންގެ ދަރިންގެ ކަންކަން ބަލަހައްޓަން މުސާރަ ދީފައި މީހުން ތިބޭނެކަން ގިނަ ބަޔަކު ޤަބޫލުކުރާނެއެވެ. ވިހެއީންސުރެ ތުއްތުކުއްޖަކަށް ބޭނުންވާ އެންމެހައި ކަންތައްތައް ފުރިހަމަކޮށްދޭން އެކަކަށްވުރެ ގިނަ މީހުން ތިބޭނެއެވެ. ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީގެ ޚިޔާލު މިކަމާ ތަފާތެވެ.

ކާމިޔާބު ބައްޗަން އާއިލާގެ އަބީޝެކް ބައްޗަން އާ ކައިވެނިކޮށްގެން އުޅޭ 47 އަހަރުގެ ބަތަލާއަށް ކުއްޖަކު ލިބުނީ 2011 ވަނަ އަހަރެވެ. އާރާދްޔާ ބައްޗަންގެ ނަން ދީފައިވާ އެކުއްޖާ ދެކެ ވާ ލޯތްބާއި، އޭނާގެ ކަންކަމަށް އައިޝްވާރިޔާ ފަރުވާ ބަހައްޓާވަރު ފެނިގެންދިޔައީ، ވިހެއުމަށްފަހު ފިލްމީ މަސައްކަތަކުން ފެންނަލެއް މަދުވުމުންނެވެ.

އެގޮތުން މީގެކުރިން އިންޑިއާގެ މީޑިއާއަކަޑް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަދައްކައިފައެވެ. އައިޝްވާރިޔާ ބުނީ އާރާދްޔާގެ ހުރިހާ ކަމެއްވެސް ކުރަން ބޭނުންވަނީ އޭނާގެ އަމިއްލަ އަތުން ކަމަށެވެ. އަދި ދަރިފުޅު ލިބުންފަހު، އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ވެސް ދަރިފުޅަށް ކަމަށް ބުންޏެވެ.

“ދަރިއަކު ލިބުނީމަ ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ. ފުރަތަމައަށް އަބަދުވެސް އަންނާނީ ދަރިފުޅު. އޭގެފަހުން އެހެން ކަމަކާ ދޭތެރޭ ވިސްނޭނީ”.

އައިޝްވާރިޔާ ބުނީ އާރާދްޔާގެ ކަންކަން ބަލަހައްޓަން ނެނީއަކު ހަމަޖައްސާފައި ހުއްޓަސް، ގިނައިން އެމީހާ ހުންނާނީ ޗުއްޓީގައި ކަމަށެވެ. “މީހުން އަހަރެން ކައިރީގަ ބުނަންވެސް ބުނާނެ އިތުރު ނެނީއަކު ހޯދަންވީ ނޫންހޭ. އެކަމަކު އަހަރެން އެގޮތް ބޭނުމެއް ނުވޭ. އަމިއްލައަށް ދަރިފުޅުގެ ކަންކަން ބެލެހެއްޓީމަ މާ ހިތްހަމަޖެހޭ”.

މީގެ އިތުރުން އައިޝްވާރިޔާ ބުނީ، އޭނާއަށް ވެގެންވާނަމަ، އެއްވެސް މީހަކާ އާރާދްޔާގެ ކަންކަން ހަވާލުނުކުރާނެ ކަމަށެވެ. “އެކަމަކު އަހަރެން އުޅޭ ދާއިރާގެ ގޮތުން އެކަން ވާކަށް ނެތް”.

އައިޝްވާރިޔާ އާއި އަބީޝެކްގެ އާރާދްޔާއަށް މި އަހަރު 10 އަހަރު ފުރޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!