ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ 24 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރިއިރު، އޭނާގެ ކޮއްކޮ ޚުޝީ ކަޕޫރު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޖާންވީގެ އުފަންދުވަހުގެ “ހަދިޔާ”އެއްގެ ގޮތުގައި ޚުޝީ ވަނީ އެދެމީހުން އެކުގައި ނަގާފައިވާ ލޯބި ފޮޓޯތަކެއް އެއްކޮށްލައި މޮޅު އެޑިޓެއް ހަދާފައެވެ. މީގެ އިތުރުން، ޖާންވީގެ ކުޑައިރުގެ ވީޑިއޯކޮޅެއް ވެސް ހިއްސާކޮށްފައިވެއެވެ. އެ ވީޑިއޯގައި ފެންނަނީ ކުޑަކުޑަ ޖާންވީ ނަށާ މަންޒަރެވެ.
ޕޯސްޓުގެ ކެޕްޝަންގައި ޖާންވީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ޚުޝީ ލިޔެފައިވަނީ، އޭނާގެ ހުރިހާ އެއްޗަކީ ވެސް ޖާންވީ ކަމަށެވެ. އަދި ވަރަށް ލޯބިވާ ކަމުގައި ލިޔެފައިވެއެވެ.
ކުރީގެ މަޝްހޫރު އެކްޓްރެސް ސްރީދޭވީގެ ދެ އަންހެން ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީ ކަޕޫރަކީ މީސްމީޑިއާގައި ގިނަ ބަޔަކު ފޮލޯކުރަމުން އަންނަ ދެބެއިންނެވެ. އަދި މިހާރު ޚުޝީ ވެސް ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.