ފަތުރުވެރިކަމުގެ އޮޕަރޭޝަނަށް 45 ހާހަށްވުރެ ގިނަ އެނދު ނެރެފި

ކޮވިޑް-19އަށް ފަހު އަލުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 45،000 އަށްވުރެ ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް 45083 އެނދުވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 34226 އެނދާއި، ހޮޓާތަކުގެ 1458 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2723 އެނދާއި، ގެސްޓުހައުސްތަކުގެ 6676 އެނދެވެ.

އަލުން އޮޕަރޭޓް ކުރަން ފަށާފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާއިރު، 148 ރިސޯޓު، 11 ހޮޓާ، 140 ސަފާރީ 364 ގެސްޓު ހައުސް ހިމެނޭހެން ޖުމްލަ 663 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

އެންމެ ގިނަ އަދަދަކަށް ރިސޯޓް އަދި ގެސްޓްހައުސް ހުޅުވާފައިވަނީ ކ.އަތޮޅުންނެވެ. އެގޮތުން އެ އަތޮޅުގައި 47 ރިސޯޓް ހުޅުވާފައިވާއިރު، މިއީ ފަތުރުވެރިކަމުގެ 11338 އެނދެވެ. އަދި ގެސްޓްހައުސްތަކުގެ އަދަދުތަކަށް ބަލާއިރު، މިހާތަނަށް ކ.އަތޮޅުން 149 ގެސްޓްހައުސްއެއް އަލުން ހުޅުވާ 3536 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހު އަލުން ހުޅުވަިއލި ފަހުން ރާއްޖެއަަށް އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން ގިނަވަމުންދާކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!